ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީއަކު ސަސްޕެންޑުކޮށްފި

23 އޮކްޓޫބަރު 2025 - 09:49
ކްރިމިނަލް ކޯޓުގެ ގާޒީއަކު ސަސްޕެންޑުކޮށްފި

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑުކޮށްފި އެވެ. 

ގާޒީ ފާއިޒް މަސައްކަތާ ދުރުކޮށްފައިވީ ނަމަވެސް، މި ސަސްޕެންޝަނާ ގުޅޭ މައްސަލައިގެ ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ގާޒީ ފާއިޒް ސަސްޕެންޑު ކުރި ސަބަބަކީ ކޮބައިކަން ސާފު ނުވީ ނަމަވެސް، ފާއިޒް ވަނީ ފަހަކަށް އައިސް ބައެއް ބޮޑެތި މައްސަލަތަކުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ނިންމުންތައް ނިންމަވާފައި އެވެ.

އެގޮތުން، ފުލުހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ތުހުމަތު ކުރި މީހެއް ކަމަށްވާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު (41އ.) ބަންދުން ދޫކޮށްލަން އަމުރު ކުރެއްވީ ގާޒީ ފާއިޒް އެވެ.

ބަންދުން ދޫކޮށްލުމަށް ފަހު އަލީ އަންވަރު ސްރީ ލަންކާއަށް ފިލަން މަސައްކަތް ކުރި ނަމަވެސް، އޭނާ އެ ގައުމަށް ނުވައްދައި އަނބުރާ ރާއްޖެ ޑީޕޯޓުކޮށްލީ އެވެ. އޭގެ ފަހުން އިތުރު ކޯޓު އަމުރެއްގެ ދަށުން އަންވަރު ވަނީ އަލުން ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން، އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްސަލަ ވެސް ކޯޓުގައި ބަލަމުން ގެންދަވަނީ ގާޒީ ފާއިޒް އެވެ.

ގާޒީ ފާއިޒް މީގެ ކުރިން ވެސް އެއް ފަހަރު ވަނީ ސަސްޕެންޑު ކޮށްފައި އެވެ. އެއީ ނޮވެމްބަރު 2021 ގައި ޖޭއެސްސީ އިން 60 ދުވަހުގެ މުއްދަތަށް އޭނާ މަސައްކަތާ ދުރުކުރި ފަހަރެވެ. އެފަހަރުގެ ސަސްޕެންޝަން އައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0