އިސްލާމިކް މިނިސްޓަރުގެ ފަރާތުން މަޖިލީހުގެ ހުތުރު މަންޒަރެއް!
އިސްލާމިކް މިނިސްޓަރެއްގެ ފަރާތުން ފެންނަން ނުޖެހޭ ފަދަ ހުތުރު މަންޒަރެއް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މަޖިލީހުގައި ދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝަހީމް ހާޒިރުކޮށްފައިވަނީ މިސްކިތްތައް އެޅުން ލަސްވުމާ ގުޅީގެން މިދިޔަ ޖުލައި މަހު ފޮނުވާފައިވާ ދެ ސުވާލަކާ ގުޅިގެންނެވެ.
އެ ސުވާލަށް ފަހު އިދިކޮޅު މެންބަރުން ވަނީ މިދިޔަ ސަރުކާރުގައި އަޅަން ފަށާފައިވާ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ލަސްވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ހިތަދޫގައި އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒު އަޅަން ހަވާލުކުރި ކުންފުންޏަށް ފައިސާ ނުދޭތީ މައްސަލަ ކުރިއަށް ނުދާ ކަމަށް ވިދާޅުވެ އެކަން ސާފުކުރަން ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަރަށް ނުރުހުންވެ ހުންނަވައި ޝަހީމް ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެ ކުންފުންޏަށް ދޭން ޖެހޭ އެއްވެސް ބިލަކަށް ފައިސާ ދީފައި ނޯންނާނެ ކަމަށެވެ.
ހުރިހާ ބިލަކަށް ފައިސާ ދައްކާފައިވާނެ ކަމަށް ތަކުރާރު ކޮށް އަޑުހަރުކޮށް ވިދާޅުވެ, ޝަހީމް ވަނީ މަޝްރޫއު ލަސްވަނީ ކެޕޭސިޓީ ނެތް ކުންފުންޏަކާ ހަވާލުކޮށްފައިވާތީ ކަމަށެވެ.
ޝަހީމްގެ ޖަވާބާ ގުޅިގެން މެންބަރު އެވަގުތު ނާޒިލް ވަނީ ޝަހީމްގެ ވާހަކަ ދޮގު ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފަ އެވެ. ނާޒިލް ނުރުހުން ފާޅުކުރައްވަން ފެއްޓެވުމާއެކު ޝަހީމް ވަނީ ވަރަށް ކޯފާވެވަޑައިގެން ހުންނަވައި, ޖަވާބު އަޑުއެހުމުގެ ގާބިލް ކަން މެންބަރުގެ ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެ, ޝަހީމް ވަނީ މެންބަރާ ދިމާލަށް ވަރަށް ކޯފާވެ ހުންނަވައި އަޑު ގަދަ ކުރައްވައިފަ އެވެ.
"50 މިލިއަން ދަރުވާލާފައި ދިޔައީ, ލަދު ގަންނަން ޖެހޭނެ ސުވާލު ކުރަން," މެންބަރާ ދިމާލަށް އިނގިލި ދިއްކުރައްވައި ޝަހީމް ވިދާޅުވި އެވެ.
މިއީ މީގެ ކުރިން އެއްވެސް ވަޒީރެއްގެ ފަރާތުން އަދި ހާއްސަކޮށް އިސްލާމިކް މިނިސްޓަރެއްގެ ފަރާތުން މަޖިލީހުގައި ފެނިފައިވާ މަންޒަރެއް ނޫނެވެ. ސުވާލަށް ޖަވާބު ދެއްވުމުގައި ވެސް މަޖިލީހުގެ ރައީސާ މުހާތަބުކޮށް ވާހަކަ ދައްކަން ޖެހޭއިރު, ސީދާ މެންބަރާ ދިމާލަށް އިނގިލި އުއްކަވައި ވާހަކަ ދެއްކެވުމަށް މަޖިލީޙުގެ ގަވައިދު ވެސް ތަން ނުދެ އެވެ.
މިކަމާ ގުޅިގެން އިދިކޮޅު މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި އެ ގޮތަށް ޖަވާބު ނުދެއްވޭނެ ކަމަށް ވިދާޅުވެ, ރިޔާސަތު ކުރިމަތީގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ. އަދި މިނިސްޓަރު ކައިރިއަށް ވަޑައިގެން ވެސް ބައެއް މެންބަރުން އަޑުގަދަ ކުރެއްވި އެވެ.
މިނިސްޓަރުގެ އަމަލާ ގުޅިގެން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރު, ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މަޖިލީހުގައި މިއަދު ފެނިގެން ދިޔައީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
"ގާނޫނީ ޒިންމާއެއް އަދާކުރަން މިނިސްޓަރު ވަޑައިގެން, މިނިސްޓަރަކަށް ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި މެންބަރުންނަށް ޖަވާބު ދިނުމަކީ އެއީ މިނިސްޓަރެއްގެ ހައިސިއްޔަތުން ބަލާއިރު ހަޑިހުތުރު ކަމެއް," އޭނާ ވިދާޅުވި އެވެ.






ރިއެކްޓް