އޭޝިއަން ޔޫތް ގޭމްސް: ބީޗް ވޮލީ ޓީމު ގަތަރު އަތުން ބަލިވެއްޖެ
މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ބީޗް ވޮލީބޯޅަ އިވެންޓްގައި ރާއްޖޭގެ ޕެއާ ގަތަރު އަތުން ބަލިވެއްޖެ އެވެ.
ބަހްރެއިންގެ ސަމާ ބޭ ބީޗް ވޮލީބޯޅަ އެރީނާގައި ކުރިއަށް ދިޔަ މެޗުގައި ރާއްޖެއިން ރަނގަޅަށް ކުޅުނު ނަމަވެސް، ގަތަރުން ކުރިހޯދީ 2-1 ސެޓުންނެވެ. މެޗުގައި ރާއްޖޭގެ މުހައްމަދު އިކުރާމާއި އަބްދުﷲ ޝަރަފް އަލީގެ ޕެއާއިން ވަނީ ވަރުގަދައަށް ކުޅެފައެވެ. ހާއްސަކޮށް ފުރަތަމަ ސެޓާއި ޓައި ބްރޭކް ސެޓުގައިވެސް ރާއްޖޭގެ ޕެއާއިން ހިތްވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
ގަތަރުގެ އަހުމަދުޒިޔާދު ބެތީއޫއާއި މޫސާ އަލްކީރްގެ ޕެއާ ކައިރިން ރާއްޖޭގެ ޕެއާ ވަނީ ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައެވެ. އެއީ 21-19 އިންނެވެ. ދެވަނަ ސެޓު ގަތަރުގެ ޕެއާއިން 21-6 އިން ގެންގޮސްފައިވާ އިރު، ޓައި ބްރޭކް ސެޓުގައިވެސް ރާއްޖޭގެ ޕެއާއިން ރަނގަޅު ކުޅުމެއް ދެއްކިއެވެ.
ޓައި ބްރޭކް ސެޓުގައި 8-8 އިން އެއްވަރުވެފައި އޮތް ވަގުތެއްވެސް ގޮސްފައިވާ އިރު، އެ ސެޓު ގަތަރުގެ ޕެއާއިން ގެންދިޔައީ 15-8 އިންނެވެ.
ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ބީޗް ވޮލީބޯޅައިގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ރާއްޖެއާއި ގަތަރުގެ އިތުރުން ދެން ހިމެނެނީ އިންޑޮނޭޝިއާ، ސްރީ ލަންކާ، ބަހްރެއިން އަދި ބަހްރެއިނެވެ.
ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޕެއާއަށް ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ މާދަމާ ރާއްޖެ ގަޑިން ހަވީރު 5:00 ގައި ސްރީ ލަންކާ ޕެއާއާ ދެކޮޅަށެވެ. އޭގެ އިތުރުން މާދަމާ ރޭ ރާއްޖެ ގަޑިން 11:00 ގައި އިންޑޮނޭޝިއާ ޕެއާއާ ދެކޮޅަށްވެސް މެޗެއް އޮންނާނެއެވެ.






ރިއެކްޓް