ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މިގޮތުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދުގެ ހެނދުނު 8:45 އިން ފެށިގެން މެންދުރު 2:30 އާ ހަމައަށް ވައިޓް އެލާޓް ދެމިއޮންނާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު މޫސުމީ އަޕްޑޭޓްގައި ބުނެފައިވާ ގޮތުގައި މިއަދަކީ މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ގަދަވެފައި ކަނޑުތައް ވެސް ގަދަވާނެ ދުވަހެކެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުންދާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެމްއެންޑީއެފުން ވަނީ އާންމު ރައްޔިތުންނަށް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރާއިރު މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބެލުމަށް އިރުޝާދު ދީފައިވެއެވެ.






ރިއެކްޓް