މާލޭގެ ގެތަކުގެ ނަންބޯޑު ހަރުކުރަން އަންގައިފި
މާލެ އާއި ވިލިމާލޭގެ ގިނަ ގެތަކުގައި ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައިވާތީ، ހުރިހާ ގެއެއްގައިވެސް ނަންބޯޑު ހަރުކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ރަސްމީ ބޭނުންތަކުގައި މާލެ އާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތްކުރާއިރު، ގިނަ ގެތަކުގައި މިހާރަކަށް އައިސް އާންމުކޮށް ފެންނަ ގޮތަށް ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ވަނީ ފާހަގަކުރެވިފައެވެ.
ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި މިއަދުން ފެށިގެން ހުރިހާ ގެއެއްގައިވެސް އާންމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ނަންބޯޑު ހަރުކުރުމަށް ވަނީ އަންގާފައެވެ.
މިއީ މާލޭގެ ގެތައް ފަސޭހައިން ދެނެގަތުމަށާއި، ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް އަދި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ކައުންސިލުން ބުނެފައިވެއެވެ.






ރިއެކްޓް