ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް 2025: ރާއްޖޭގެ ހޭންޑްބޯޅަ ޓީމުގެ މައްޗަށް ސައުދީން ކުރި ހޯދައިފި

19 އޮކްޓޫބަރު 2025 - 18:43
އޭޝިއަން ޔޫތު ގޭމްސް 2025: ރާއްޖޭގެ ހޭންޑްބޯޅަ ޓީމުގެ މައްޗަށް ސައުދީން ކުރި ހޯދައިފި
ރާއްޖެ ޓީމުގެ ލަހުފާން ޝޫޓް ކުރަނީ. ފޮޓޯ: އެމްއޯސީ

ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގެ ހޭންޑްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ބަލިވެއްޖެ އެވެ.

ބަހްރެއިންގެ އުއްމު އަލްހައްސާމް ކޮމްޕްލެކްސްގެ ހޯލް އޭގައި މިއަދު ކުޅުނު ފިރިހެން ހޭންޑްބޯޅަ ގްރޫޕް އޭ ގެ މެޗުގައި ސައުދީ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 71-7 ގެ ނަތީޖާއަކުންނެވެ. ސައުދީ އަކީ މި ފަހަރު ގޭމްސްގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ވަރުގަދަ ކުޅުމަކާއިއެކު ސައުދީ އިން ނިންމާލީ 32 ލަނޑުގެ ލީޑަކާއި އެކު 35-3 ގެ ނަތީޖާއަކުންނެވެ. މި ހާފުގައި ރާއްޖެ ޓީމަށް ކާމިޔާބުކޮށްދިން 3 ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަރޫޝްއާއި އަހުމަދު ލަހުފާން އަދި ޔޫސުފް މައީޝް މުސްތަފާ އެވެ.

މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސައުދީ ކޮޅަށް ދެވަނަ ހާފުގެ ފަހުކޮޅުގައި ރާއްޖެއިން ވަނީ 4 ލަނޑު ޖަހާފަ އެވެ. މި ލަނޑުތަށް ކާމިޔާބުކޮށްދިނީ ލަހުފާންގެ އިތުރުން މުހައްމަދު އަފްލާހް ހުސައިން ޝިފާޒާއި ޔޫނުސް ވާޒިން މުހައްމަދު ވިޝާމް, އާއިލް މަޖީދު އަދި އިޔާން އަހުމަދެވެ. މި މެޗުން ބަލިވި ނަމަވެސް ރާއްޖެއިން ވަނީ ޓީމެއްގެ ގޮތުގައި ކުޅެން މަސައްކަތްކޮށް އެއް ރޫހެއްގައި މެޗު ނިންމާލާފަ އެވެ

ރާއްޖެއިކީ މި ގޭމްސްގެ ފިިރިހެން ހޭންޑްބޯޅަ އިވެންޓުގައި ވާދަކުރާ ދެކުނު އޭޝިއާގެ ހަމައެކަނި ގައުމެވެ. ރާއްޖެއާއި ސައުދީގެ އިތުރުން ދެން ގްރޫޕް އޭ ގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ބަހްރެއިން, ޖޯޑަން އަދި ހޮންގް ކޮންގެވެ. މި އިވެންޓުގައި ރާއްޖެ ދެން ނިކުންނާނީ ބަހްރެއިނާ ދެކޮޅަށް މާދަމާ ރޭ ރާއްޖެ ގަޑިން 9:00 ގަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0