ޕޮލިހަށް ގެންގޮސް، ބިރު ދައްކަން އުޅުނަސް ބޯގުދެއް ނުކުރާނަން: އަމީރު
ޕޮލިހަށް ގެންގޮސް ބިރުދައްކަން އުޅުނަސް ބޯގުދެއް ނުކުރާނެ ކަމަށާއި ބޯލަނބާނީ ހަމައެކަނި ހެއްދެވި ފަރާތަށް ކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭސީސީގެ ތަހުގީގަކާ ގުޅިގެން އާދިއްތަ ދުވަހުގެ 2:30 އަށް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. "އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ޕޮލިހަށް ގެންގޮސް، ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަނޭ. އަޅުގަނޑުމެން ބޯ ގުދުކުރާނީ ހަމައެކަނީ އާލަމްތަކުގެ ވެރި މާތްﷲ އަށް،" އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން އަމީރު ވިދާޅުވެފައިވަނީ މުއިއްޒު ފަދަ ޚުދުމުޚްތާރު ވެރިޔަކަށް ބޯނުލަނބާނެ ކަމަށާއި، ކުރާނެ ކަމެއް ކުރަން ވީ ކަމަށެވެ. އަދި 2019 އިން 2023 އަށް މާލީ ވަޒީރުކަމުގައި މަސައްކަތްކޮށްފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށް އަމީރު ވިދާޅުވިއެވެ.
"ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ. ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް،" އަމީރު ވިދާޅުވިއެވެ.
އަމީރުގެ ޕޯސްޓުގައި އޭސީސީގެ ރައީސް އާއި މެމްބަރުންގެ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.






ރިއެކްޓް