ޚަބަރު

ސައުދުﷲގެ ކުންފުންޏަށް ބަދަލު ދިން މައްސަލާގައި އެމްޑީޕީ ވެރިން އޭސީސީއަށް ހާޒިރުކުރަނީ

9 އޮކްޓޫބަރު 2025 - 15:22
ސައުދުﷲގެ ކުންފުންޏަށް ބަދަލު ދިން މައްސަލާގައި އެމްޑީޕީ ވެރިން އޭސީސީއަށް ހާޒިރުކުރަނީ
ފޮޓޯ: ވިރާސީ

ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ހިލްމީގެ ކުންފުނި، ސްވިފްޓް އިންޖިނިއަރިންގ އަށް ބަދަލު ދީފައިވާ މައްސަލާގައި އެމްޑީޕީގެ އިސް ވެރިންތަކެއް އޭސީސީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވަނީ އޭސީސީން ފޮނުވި ޗިޓު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭސީސީގެ ޗިޓުގައިވާ ގޮތުން ފައްޔާޒް ހާޒިރުކުރަނީ "ސްވިފްޓް އިންޖިނިއަރިންގ އަށް ލިބުނު ގެއްލުމާއި އެކަށީގެންނުވާ ބަދަލެއް ދިނުމަށް" އަލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން އިން 2019 ގައި ނިންމި ނިންމުމުގައި، އޭނާގެ މަޤާމުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ" އެވެ.

މި މައްސަލައާ ގުޅޭގޮތުން ފައްޔާޒް އިތުރަށް ވިދާޅުވެފައިވަނީ، "ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ" ކަމަށެވެ. އަދި މިހާރުގެ ހާލަތުގައި އޭސީސީން އިންސާފުވެރި ތަހުގީގެއް ކުރާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދެ އަހަރަކީ ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލާފައިވާ ދެ އަހަރު ކަމަށާއި، "މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އަދި އަޅުގަނޑުމެން އެންމެން ޖަލަށް ލީނަމަވެސް ޑިމޮކްރަޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީ ހައްގުތައް އަނެއްކާވެސް ކަށަވަރުކޮށްދޭން ކުރާންޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ" ކަމަށް ވިދާޅުވިއެވެ.

އަދި ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމުގެ މުހިންމުކަމާއި، މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރަން ޖެހިފައިވާކަން މިހާރު އިތުރަށް ސާފުވެގެންދާ ކަމަށްވެސް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0