ޚަބަރު

މުދައްރިސުންނަށްވުރެ ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ: މިނިސްޓަރު

5 އޮކްޓޫބަރު 2025 - 15:07
މުދައްރިސުންނަށްވުރެ ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ: މިނިސްޓަރު

އެއްވެސް ގައުމެއްގައި މުދައްރިސުންނަށް ވުރެ އަބުރުވެރި، ޝަރަފުވެރި ބަޔަކު ނުތިބޭނެ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ. މި ވާހަކަ ވަޒީރު ވިދާޅުވެފައިވަނީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.

"އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ،" ވަޒީރު ވިދާޅުވިއެވެ.

މި އަހަރުގެ ޝިއާރުގައި ފާހަގަކޮށްފައިވާ ފަދައިން މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސުކަމުގެ ފަންނު އިތުރަށް ކުރިއަރުވާ، އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މުދައްރިސުންނާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށާއި ފަންނީ ގާބިލްކަން އިތުރުކޮށްދިނުމާއި ގުޅުންތައް ވަރުގަދަކޮށް، ހުރިހާ މަސްލަހަތުވެރިންނާއެކު ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު މުދައްރިސުންގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މުދައްރިސުންނަކީ ގައުމު ބިނާ ކުރުމުގެ މޭސްތިރިންކަމަށާއި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރީތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރާ ބޭފުޅުން ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެ އާއި އާހިރަތުގެ މަންފާ އެކުލެވޭ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ގަދަރުވެރި، ފަހުރުވެރި ހިދުމަތެއް ކަމަށެވެ.

ޓީޗަރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ސަމާލުކަން ދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު، މުދައްރިސުން ތަމްރީން ކުރުމުގެ ގައުމީ ޕްރޮގްރާމެއްވެސް ސަރުކާރުން ވަނީ އިފްތިތާހުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0