އިބޫގެ ކެންޕޭން ދަރަނި: އެމްޑީޕީގެ އެކައުންޓްތައް ފްރީޒްކުރަން މޯލްޑިވިއަނުން އެދިއްޖެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) 2023 ވަނަ އަހަރުގެ ރިޔާސީ ކެންޕޭނަށް ކުރެއްވި ދަތުރުތަކުގެ ފައިސާ ނުދައްކާ މައްސަލާގައި އެމްޑީޕީގެ ބެންކް އެކައުންޓްތައް ފްރީޒް ކުރުމަށް މޯލްޑިވިއަން (އައިލެންޑް އޭވިއޭޝަން) އިން ކޯޓަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން ރިޔާސީ ކެންމޭނުގައި ކްރެޑިޓަށް ކުރި ދަތުރުތަކަށް މޯލްޑިވިއަން އަށް ދައްކަންޖެހި ނުދައްކާ ހުރި 3.6 މިލިއަން ރުފިޔާ 1 މަސް ދުވަސް ތެރޭގައި ދައްކާ ޚަލާސްކުރުމަށް ސިވިލް ކޯޓުން އެމްޑީޕީގެ މައްޗަށް މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅު ހުކުމް ކުރިއެވެ.
ކޯޓުގެ ކުރި ހުކުމުން އެނގޭ ގޮތުގައި އެމްޑީޕީން 2023 ރިޔާސީ ކެންޕޭނުގައި 5.6 މިލިއަން ރުފިޔާގެ ދަތުރު ކްރެޑިޓަށް ކުރިއެވެ. އަދި މި ފައިސާގެ ތެރެއިން 2 މިލިއަން އެމްޑީޕީން ވަނީ ދައްކާފައެވެ.
މިކަން ހިނގައި ދިޔަ ގޮތް ބެލުމަށް "ވިރާސީ" އިން ކުރި މަސައްކަތުން އެނގުނު ގޮތުގައި ރިޔާސީ ކެމްޕޭނުގައި 5.6 މިލިއަން ރުފިޔާގެ ދަތުރުތައް މޯލްޑިވިއަން މެދުވެރިކޮށް ޕާޓީއަށް ބިލްކުރާ ގޮތަށް ކޮށްފައިވާކަން އެމްޑީޕީގެ ސެކްރެޓޭރިއަޓް އަށް ނޭނގެއެވެ. އަދި އެމްޑީޕީ ސެކްރެޓޭރިއަޓް އަށް މިކަން އެނގުނީ 2024 ވަނަ އަހަރު އައިލެންޑް އޭވިއޭޝަނުން އެމްޑީޕީއަށް މިކަމާއި ގުޅިގެން ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.
މޯލްޑިވިއަންއަށް ދައްކަން ޖެހޭ ފައިސާގެ މައްސަލާގައި އެމްޑީޕީން ބުނެފައިވަނީ ދަރަނި ދެއްކުން ލަސްވެފައިވަނީ ދައުލަތުން ސިޔާސީ ޕާޓީ ހިންގުމަށް ދޭ ފައިސާ ދިނުން ލަސްވުމުގެ ސަބަބުންނެވެ.
ދާދި ފަހުން ސިޔާސީ ޕާޓީ ތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފައިސާ ދޫކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި އެމްޑީޕީއަށް ދޫކުރީ 8 މިލއަން ރުފިޔާއެވެ.






ރިއެކްޓް