ޚަބަރު

މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

30 ސެޕްޓެމްބަރު 2025 - 17:22
މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ މަޤާމުތަކަށް މިއަދު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޮމިޝަނަކީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ.

ޤާނޫނުގައިވާ ގޮތުން މި ކޮމިޝަނުގައި ޖުމްލަ ހަތް މެންބަރުން ތިބޭއިރު، އޭގެ ތެރެއިން ތިން މެންބަރުންނަކީ މަޖިލީހުން ކަނޑައަޅާ މެންބަރުންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

މަޖިލީހުން ކުރި އިޢުލާނުގައި، ކޮމިޝަނުގެ މެންބަރުންގެ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައިވުމާއި، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ކަނޑައެޅިފައިވާ ބައެއް ކުށްތައް ސާބިތުވެފައިވާ މީހަކަށް ނުވުން ވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުންގެ މަޤާމުތަކަށް ހުޅުވާލި އިރު، މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މަޤާމަށް މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. މި އިންތިޚާބު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔا އާދީއްތަ ދުވަހު ވަނީ މި އިންތިޚާބުގައި ވޯޓުލެވޭ ފަރާތްތަކުގެ ފުރަތަމަ ލިސްޓު އާންމުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0