ސައީދަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރާނަން: ވަކީލު
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދުއަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށް ސަޢީދުގެ ޤާނޫނީ ވަކީލު ނޫރުލް ސަލާމް މިއަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކޮށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައިގައެވެ.
އިސްގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވެފައިވަނީ، މި މައްސަލައިގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަސް ކަމަށާއި، އަދަބު މަތިވާ ހާލަތެއް ނެތްކަމަށް ދައުލަތުން ބުނި ނަމަވެސް، ގާޒީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައެޅުމަށް ނިންމެވި ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ސައީދުގެ ވަކީލު ނޫރުލް ސަލާމް ވިދާޅުވެފައިވަނީ، ބްލޭޒަންއާއެކު އެއްބަސްވުން ހަދާފައިވަނީ ސައީދު އެމްޑީގެ މަގާމާ ހަވާލުވުމުގެ ކުރިން ކަމަށެވެ. އަދި "ސެޓަލްމެންޓް އެއްބަސްވުމަކަށް ނުގޮސް، ބްލޭޒަންއިން ކޯޓަށް މައްސަލަ ވެއްދުމުން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާގެ އަދަދު ބޮޑުވެދާނެތީ، ފެނަކައިގެ އޭރުގެ ވަކީލުންގެ ލަފައާއެކު ސެޓަލްމެންޓް އެއްބަސްވުމަކަށް ދިއުމަށް ސައީދު ނިންމި" ކަމަށެވެ.
ނޫރުލް ސަލާމް އިތުރަށް ވިދާޅުވެފައިވަނީ، ސައީދުގެ މައްޗަށް ކަނޑައަޅާފައިވަނީ ދައުލަތުން އެދުނު ވަރަށްވުރެވެސް ބޮޑު އަދަބެއް ކަމަށާއި، އެހެންކަމުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.






ރިއެކްޓް