ޚަބަރު

އޮކްޓޯބަރު 3 ގައި އިދިކޮޅުން ޖުމްހޫރީ މައިދާނަށް އެއްވާނެ ކަމުގެ އިޝާރާތެއް

28 ސެޕްޓެމްބަރު 2025 - 20:08
އޮކްޓޯބަރު 3 ގައި އިދިކޮޅުން ޖުމްހޫރީ މައިދާނަށް އެއްވާނެ ކަމުގެ އިޝާރާތެއް

އަންނަ މަހު ތިން ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާގައި ޖުމްހޫރީ މައިދާނަށް އެއްވެދާނެ ކަމުގެ ނުސީދާ އިޝާރާތެއް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްވައިފި އެވެ. 

އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގެ ޗެއާޕާސަން އަހުމަދު ސައީދު މުހައްމަދުގެ މެނޭޖްމަންޓުގެ ދަށުން ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކަތައް ތިލަކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުކުރު ދުވަހުގެ ރޭ ދަންވަރު ނެރުނު ރިޕޯޓު ކުށްވެރިކޮށް އެމްޑީޕީން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. 

އެ ބަޔާން ހިއްސާކުރައްވައި ފައްޔާޒް "އެކްސް" ގައި ވިދާޅުވީ އެ ރިޕޯޓަކީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެ ރިޕޯޓު ލިޔުއްވީ މުދާވެރިކަމުގޭ ބޭނުމުގައި ކަމަށެވެ. 

"ކިތަންމެ ހަރާމް ހުކުމެއް ޖެހިޔަސް، އޮކްޓޯބަރު 3 ގައި މާލޭގެ މަގުތައް ރައްޔިތުން ފުރާލާނެ. މި ސަރުކާރު ފަސާދަ ނުވާ ކަމަކަށް ވެސް ނުވާނެ" ފައްޔާޒް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޓިނު ޖަހައި ބަންދުކޮށްފައި އޮތް ނަމަވެސް, ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް ކަމަށެވެ. އޭނާ ނުސީދާ ގޮތަކަށް އިޝާރާތް ކުރެއްވީ އޮކްޓޯބަރު 3 ގެ އެއްވުމުގައި ޖުމްހޫރީ މައިދާނަށް އެއްވުމަށެވެ. 

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ސިޔާސީ ރިޕޯޓެކެވެ. ބޭނުމަކީ މި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދަތަކާއި ލޫޓުވުމުގެ ވާހަަކަ ދައްކާތީ އެ ވާހަކަތައް އޮއްބާލުން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ. 

އެމްޑީޕީ ބުނި ގޮތުގައި ސަރުކާރަށް މި ރިޕޯޓު ނެރެން މަޖުބޫރުވީ އެމްޑީޕީން ރާވަމުން ދާ އެއްވުމަށް އޮތް ތަރުހީބު ފެނި, ގޮތް ހުސްވެގެންނެވެ. 

ސައިދުގެ ކޮރަޕްޝަންގެ ވާހަކަތައް ތިިލަވާ އޮޑިޓް ރިޕޯޓު ނެރުނުއިރު, 2019ގައި ހިނގި ހިޔާނާތުގެ މައްސަލައެއްގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ސައީދުގެ މައްޗަށް މިއަދު ވަނީ އިއްވައިފަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0