ހިޔާނާތުގެ މައްސަލާގައި ސައީދަށް މިއަދު ހުކުމް އިއްވަނީ
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކުރާ ހިޔާނާތުގެ ތުހުމަތުގައި މިއަދު ހުކުމް އިއްވާނެ ކަމަށާއި އެއީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ފެނަކައިގެ ބިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށް, އޮޑިޓް ރިޕޯޓެއް ނެރެފައިވާއިރު, ސައީދުގެ މައްޗަށް އޭގެ ގިނަ ތުހުމަތުތައް ކުރެވެ އެވެ. އޭނާގެ މައްޗަށް މިވަގުތު ދައުވާ އުފުލާފައި އޮތީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސް ޕާލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖައިޒު ފައިދާ ހޯދައިދިން މައްސަލައިގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
އޭގެ އިތުރުން ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކްގެ ފަރާތުން މަސައްކަތް ފުރިހަމަކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވެސް އޮތީ އުފުލައިފަ އެވެ.
ސައީދު މިއަދު "ވިރާސީ"އަށް ވިދާޅުވީ އޭނާގެ މައްޗަށް ހުކުމް އިއްވުން މިއަދު އެބައޮތް ކަމަށާއި އެއީ ސިޔާސީ ހުކުމެއް ކަމަށެވެ.
ސަޢީދުގެ މައްޗަށް ކުރެވިފައިވާ "ރަަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ" ކުށުގެ ދަޢުވާގައި ހުކުމް ކުރުމަށް މިއަދުގެ 14:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަށް އިންސާފުވެރި ހުކުމެެއް ލިބޭނެ ކަމަކަށް. އެއީ ސަރުކާރުގެ ނުފޫޒާއި ބާރު އޭގެ ތެރެއަށް ވަންނާނެ ކަމަށް އަޅުގަނޑު ތުހުމަތުކުރަން. އަޅުގަނޑަށް އިންސާފުވެރި ހުކުމެއް ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރަން," ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އޭނާ މަސައްކަތް ކޮށްފައިވާނީ އެއްވެސް މީހަކަށް ނާޖާއިޒް މަންފާ ހޯދައިދިނުމަށް ނޫން ކަމަށާއި އެ ކަމުގެ ހެކި ވެސް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ހުކުމް ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމުގައި އޭނާ ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އެމްޑީޕީން އަންނަ މަހުގެ 3 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމުގެ ކުރިން އޭނާ ޖަލަށް ލުމަށެވެ. އެއީ ގައުމު ހަލަބޮލި ކުރުމަށް ސަރުކާރު އަޑީގައި އޮވެ ކުރާ ކަމެއް ކަމަށް އެނާ ގަބޫލުކުރެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް, ފެނަކަ ކުންފުނިން ބީލަމުގެ އުސޫލުން ބޭރުން ބިޑު ކުރުމެއް ނެތި 1.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓާއި އެހެނިހެން ވެސް އުސޫލުން ބޭރުން ގިނަ ކަންކަން ކޮށްފައިވާ ކަން ހާމަކޮށް އޮޑިޓް ރިޕޯޓު ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ރިޕޯޓުގައިވާ ހުރި ކަންކަން ސައީދު ދޮގު ކުރައްވަ އެވެ.






ރިއެކްޓް