ޚަބަރު

ލަންކާ ނޫހެއްގެ ހަބަރަކާއެކު ސަރުކާރު "މީޑިއާ ޕްރޯ"ކަމަށް ދައްކަން މަސައްކަތްކުރަނީ

24 ސެޕްޓެމްބަރު 2025 - 18:25
ލަންކާ ނޫހެއްގެ ހަބަރަކާއެކު ސަރުކާރު "މީޑިއާ ޕްރޯ"ކަމަށް ދައްކަން  މަސައްކަތްކުރަނީ
ނޫސްވެރިން ބިލާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ނޫސްވެރިއަކަށް އަނިޔާކުރަނީ

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ބިލުގައި މައްސަލައެއް ނެތް ކަމަށް ދެއްކުމަށް ލަންކާގެ ނޫހަކުން ޖެހި ހަބަރަކާއެކު ސަރުކާރުން އަނެއްކާ މަސައްކަތް ފަށައިފި އެވެ. 

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވެސް އޮއްވައި، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ އެ މަޖިލީހުން އެ ބިލު ފާސްކޮށް ތަސްދީގުކޮށްފައިވަނީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެކަން ކުރިއިރު ނޫސްވެރިން ދިޔައީ ބިލާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާކޮށް އަޑު އިއްވަމުންނެވެ. 

މަޖިލީހުގެ ގިނަ އިޖުރާއަތްތައް ވެސް ފުރިހަމަ ނުކޮށް ފާސްކުރި ބިލުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ފަދަ އަސާސީ ހައްގުތައް ހަނިވާނެ އެތައް ކަމެއް ހިމަނައިފައިވެ އެވެ. އެކަމާ ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގެ ބޮޑެތި ޕްރެޝަރުތައް ވެސް ކުރިމަތިވި އެވެ. 

ހަމަނުޖެހުންތަކާއެކު ބިލު ފާސްކޮށް އަމަލު ކުރަން ފެށިތާ ހަފްތާއެއް ފަހުން ލަންކާގެ ޑެއިލީ މިރާ ނޫހުގައި ޖެހި ހަބަރަކާއެކު ސަރުކާރު ބޮޑުންނާއި ސިޔާސީ މުވައްޒަފުން އަނެއްކާ ވެސް ވަނީ ބިލުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ދެއްކުމުގެ މަސައްކަތް ފަށައިފަ އެވެ,

އެ ނޫހުގެ ހަބަރުގައި ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަ ހިމަނާފައިނުވާއިރު, ރައީސް ޑރ. މުހައްމަދު މުއިއްޒަކީ "މީޑިއާ ޕްރޯ" ބޭފުޅެއް ކަމަށާއި މި ބިލާއެކު ނޫސްވެރިކަމުގެ މިނިވަން ކަމަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ދެއްކުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ. 

ސަރުކާރުގެ އިސްވެރިން މި ހަބަރު ސޯޝަލް މީޑިއާގައި ފަތުރަމުން އަންނައިރު, ފިޝެރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މި ހަބަރާއެކު ރައީސް މުއިއްޒު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދެމެހެއްޓުމަށް ކުރައްވާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން ބަލައިގެންފައިވާ ކަން ހާމަވެގފެން ދާ ކަމަށެވެ.

"ރައީސް މުއިއްޒަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅުއްވާނެ ބޭފުޅެއް ނޫން. އަދި, މިއީ ރާއްޖޭގައި ޒިންމާދާރު މިނިވަން ނޫސްވެރިކަން ކުރިއަރުވައި ތަރައްގީކުރުމަށް އެމަނިކުފާނު ގެންގުޅުއްވަނީ ފުރިހަމަ ސިޔާސަތުތަކެއް ކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް," ޝިޔާމް ލިޔުއްވާފައިވެ އެވެ. 

މި ހަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި އެހެން ސަރުކަރުގެ އިސްބޭފުޅުން ވެސް މި ގޮތަށް ދައްކައިދޭން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ. 

"ޑެއިލީ މިރާ އެލްކޭ" އަކީ ނުފޫޒުގަފަ މީޑިއާއެއްގެ ގޮތުގައި ސިފަކޮށް ސަރުކާރުން މި ގޮތަށް ދައްކަމުންދާއިރު, ދުނިޔޭގެ އެންމެ ބޮޑެތި ނޫސްތައް ކަމަށްވާ އަލްޖަޒީރާއާއި ރޮއިޓާސް އިން ވެސް ވަނީ މި ބިލާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ މިނިވަންކަން ހަނިވެގެންދާނެ ކަމުގެ ބިރު އޮތް ކަމުގެ ވާހަކަ ރިޕޯޓުކޮށްފަ އެވެ. އަދި ދުނިޔޭގެ ގިނަ ނޫސްތަކުން މި ވާހަކަތައް ގެނެސްދީފައިވެ އެވެ. 

ލަންކާ ނޫހުގައި ޖެހި ހަބަރު ހިއްސާކޮށް, ބިލުގައި މައްސަލައެއް ނެތް ކަމަށް ސަރުކާރުން މަސަައްކަތް ކުރާތީ ބައެއް އާންމުން ވަނީ އެ ހަބަރަކީ ސަރުކާރުން ލާރި ދީގެން ޖަހުވާފައިވާ ހަބަރެއް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. 

މީޑިއާތައް ރެގިއުލޭޓް ކުރުމަށް ކުރިން އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމް އުވާލައި ސަރުކާރު ކޮންޓްރޯލް އޮންނަ ގޮތަށް އާ ކޮމިޝަނެއް އުފެއްދުމާ ގުޅިގެން އެކަމަށް އަމަލު ނުކުރުމަށް ނިންމައި ނޫސްތައް އެކުލެވޭ ޕްރެސް ކައުންސިލެއް ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ އެކުލަވާލައިފަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0