ސެލްފް ރެގިއުލޭޓަރީ މީޑިއާ ކޮމިޝަނެއް ޤާނޫނު އަސާސީގައި ހިމަނަންޖެހޭ: ފައްޔާޒް
ޤާނޫނު އަސާސީން ބާރު ލިބިގެން ސެލްފް ރިގިއުލޭޓް ކުރާ މީޑިއާ ކޮމިޝަނެއް ރާއްޖޭގައި އުފައްދަން ޖެހޭ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނާއި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން އެމަނިކުފާނުގެ ތަސައްވުރާއި ފަލްސަފާ ހިއްސާކުރެއްވުމަށް ސިލްސިލާ ގޮތެއްގައި ނެރެމުން އަންނަ "ރީބޫޓް މޯލްޑިވްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
ޤާނޫނު އަސާސީގައި ސަރީހަކޮށް ލިޔެފައި ނެތް ކަމުގައި ވިޔަސް މީޑިއާ އަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށާއި މި ބާރު އޭގެ އެންމެ ރަނގަޅު ގޮތުގައި މަސައްކަތް ކުރުމަށް ޤާނޫނު އަސާސީން ބާރުތަކެއް ދީގެން މީޑިއާަގެ ކަންކަން ބެލެހެއްޓުމަށް ކޮމިޝަނެއް މުހިއްމު ވެފައިވާކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ ބާރު ސަރުކާާރާއި މަޖިލީހަށް އޮވެގެން ނުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ މީޑިއާގެ ބޭފުޅުންގެ ވޯޓުން މެންބަރުން އައްޔަނުކުރުން ކަމަށެވެ.
"ޤާނޫނުއަސާސީގައި އަޅުގަނޑުމެންނަށް އެބަ ލިޔެވެންޖެހޭ މީޑިއާގެ މިނިވަން ކޮމިޝަނެއްގެ ވާހަކަ އިނގޭތޯ. މިސާލަކަށް އެ ކޮމިޝަން ޤާނޫނުއަސާސީން އެ ބާރު ލިބިގެން އުފެދޭ ކޮމިޝަނަކަށް އެބަ ވާންޖެހޭ. އެ ކޮމިޝަނަކީ ސެލްފް ރެގިއުލޭޓިންގ މީޑިއާގެ ތެރޭގައި އޮންނަ ކޮމިޝަނަކަށް ވާން އެބަޖެހޭ އަޅުގަނޑު ދެކޭގޮތުގައި. އެއްވެސް ހާލަތެއްގައި ސަރުކާރުން ޢައްޔަނުކުރާ މީހެއް މަޖިލީހުން އައްޔަނުކުރާ މީހެއް, މަޖިލީހަކަށް ދާކަށްވެސް ނުޖެހޭ." ރާއްޖޭގައި މި ދުވަސްކޮޅު އެންމެ ގިނައިން ބަހުސް ކުރެވެމުންދާ މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް ނިޒާމަށް ގެންނަަން ޖެހޭ ބަދަލުކަމަށް ފައްޔާޒު ދެކިލައްވާ ގޮތް ހާމަކުރައްވަމުން ވިދާޅުވިއެވެ.
Reboot | Episode 2
Join Fayyaz Ismail and Mohamed Waheedh as they dive deep into politics, governance, and the road to a better Maldives. pic.twitter.com/sUWKHTQEmo — Reboot Maldives (@Rebootmaldives) September 21, 2025
އަަދި މި ކޮމިޝަނަކީ ކަނޑައެޅޭ ކްރައިޓީރިއާތަކެއްގައި ހިމެނިގެން ވަކި ޝަރުތުތަަކަކާއި ވަކި އުމުރެއް ހަމަވެފައިވާ މީޑިއާތަކާއި ބްރޯޑްކާސްޓަރުން ވޯޓުލައިގެން ހޮވޭ މެންބަރުން ތިއްބަވާ ކޮމިޝަނަކަށް ވާާންޖެހޭނެ ކަމަށް ފައްޔާާޒު ވިދާޅުވިއެވެ.
"ރަސްމީކޮށް ރަޖިސްޓްރީވެގެން ބަރާބަރަށް ހިންގާ, އެ ކްރައިޓީރިއާތަކެއްގެ ތެރެއިން ވަކި އުމުރެއް ވެފައި ހުރި. ނޫސް މަޖައްލާތަކާއި ޓީވީތަކުން ވޯޓު ލައިގެން އެ މީހުންގެ ތެރެއިން ހޮވޭ، ސެލްފް ރެގިއުލޭޓިންގ ބޮޑީއަކަށް ވާންވީ. އެހެން ނަމަވެސް، ޤާނޫނުއަސާސީން އެ ބާރު ލިބިގެން އިނގޭތޯ." ފައްޔާޒު ވިދާޅުވިއެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީޤުކޮށްފައިވާ މީޑިއާ ރެގިއުލޭޝަން ޤާނޫނުގައި މީޑިއާތައް ކޮންޓްރޯލު ކުރުމަށް ވަނީ ކޮމިޝަނެއް އުފެއްދުމަށް ހިމަނާފައެވެ. މި ކޮމިޝަނަކީ ކުރިން ހިންގަމުން އައި މީޑިއާ ކައުންސިލާއި ބްރޑްކާސްޓިންގ ކޮމިޝަން އެއްކޮށްލައިގެން އުފައްދާ ކޮމިޝަނެކެވެ. 7 މެންބަރުން ތިއްބަވާ މި ކޮމިޝަނުގައި 3 މެންބަރުން އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ރާއްޖޭގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި "ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން" ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބުނެފައިވީ ނަމަވެސް ނޫސްވެރިކަމުގެ ކަންކަން ރެގިއުލޭޓް ކުރުމަށް ވަަކި އިދާރާާއެއް އުފެއްދުމަށް ވަކީން ކަނޑައަޅާފައި ނުވެއެވެ.
ދައުލަތުގެ ބާރުތައް މުށުތެރެއަށް ލެއްވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ރައީސް މުޢިއްޒު މީޑިއާތަކުގައި ތަޅު އަޅުއްވަން މަސައްކަތް ކުރައްވާ ކަަމަށް ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ ތުހުމަތު ކުރެއްވާފައެވެ.






ރިއެކްޓް