މިނިވަން މުވައްސަސާތަކަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސަށް އޮތުން ނިމުމަކަށް ގެންނަންޖެހޭ: ފައްޔާޒް
މިނިވަން މުވައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ އެއްވެސް ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނާއި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން އެމަނިކުފާނުގެ ތަސައްވުރާއި ފަލްސަފާ ހިއްސާކުރެއްވުމަށް ސިލްސިލާ ގޮތެއްގައި ނެރެމުން އަންނަ "ރީބޫޓް މޯލްޑިވްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
ފައްޔާޒް ވިދާޅުވީ މިނިވަން މުވައްސަސާތައް ދައުލަތުގެ ތެރޭގައި ޤާއިމުކޮށްފައިވާ ބޭނުމަކީ ސަރުކާރަށާއި ދެން ހުރި ބާރުތަކަށް ފާރަވެރި ވުން ކަމަށާއި އެ މުވައްސަސާތަކަށް މެންބަރުން އައްޔަންކުރުން ރައީސްގެ އަތްމައްޗަށް ދޫކޮށްލާފައި އޮތުމުން އެ މުވައްސަސާތަކުގެ މިނިވަންކަމުގެ ސިފަ މިހާރު ގެއްލިފައިވާކަމަށެވެ.
"ފުރަތަމަ ކަމަކަށް މިހާރު މި އޮންނަ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުން ޢައްޔަނުކުރުން ހުއްޓުމަކަށް ގެންނަންޖެހޭނެ. އަޅުގަނޑަށް ހީވަނީ މީގައި ހަމަ އެންމެ ރަނގަޅު ގޮތަކީ ޤާނޫނުއަސާސީގައި ސާފުކޮށް ލިޔަންވީ، އެ ތަނަށް އަންނަ މީހުންގެ ހުންނަންވާ ސިފަތައް، ހުންނަންވާ ކޮލިފިކޭޝަންސް އިނގޭތޯ، އެކްސްޕީރިއަންސް، މި ހުރިހާ އެއްޗެއް ލިޔަންވީ. ލިޔުނީމާ ވާނެގޮތަކީ އެ މަގާމެއް ހުސްވީމާ މަޖިލީހުން އިޢުލާންކުރީމާ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޖިލީހަށް ހުށަ ހުށަހަޅަނީ" ދައުލަތް ހިންގުމުގައި އެއްބާރުން އަނެއް ބާރަށް ފާރަވެރިވުމުން ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތައް ފާހަގަކުރައްވަމުނ ްފައްޔާޒް ވިދާޅުވިއެވެ.
މިނިވަން މުވައްސަސާތަކުގެ ގޮތުގައި ފައްޔާޒް ފާހަގަކުރެއްވީ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މުވައްސަސާތަކުގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނެވެ.
މި މުވައްސަސާތަކުގެ މެންބަރުން އައްޔަންކުރުމުގައި ފައްޔާޒް ހުށަހަޅުއްވާ ގޮތަކީ ޤާނޫނުއަސާސީގައި އެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި ސިފަތައް ކަނޑައެޅުމަށްފަހު، ރައްޔިތުންގެ މަޖިލީހުން އިޢުލާންކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމެވެ.
އަދި މެންބަރުން އައްޔަނު ވުމަށްފަހު އެމީހެއްގެ މަޤާމުން ވަކި ކުރުމުގެ ބާރު ދައުލަތުގެ އެހެން ބާރަކަށް ދިނުމުގެ ބަދަލުގައި އެ ބާރު ސީދާ ރައްޔިތުންނަށް ލިބޭ ގޮތެއް ފައްޔާޒު ހުށަހެޅުއްވިއެވެ. އެގޮތުން މުވައްސަސާއެއްގެ މެންބަރަކު ނުވަތަ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން މަޖިލީހުގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ނިންމުމަށް ރައްޔިތުންގެ ސީދާ ވޯޓަކަށް ދިއުމަކީ މުވައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރެވޭނެ ގޮތް ކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ.
"އެ މީހަކު އެ މަގާމަށް ޢައްޔަނުވުމާ ހިސާބުން މަޖިލީހާއި ސަރުކާރުގެ ބާރުގެ ތެރެއިން، މުށުތެރެއިން އެ މީހާ އެބަ ސަލާމަތްވޭ އަޅުގަނޑު މި ދަންނަވާ ރެފަރެންޑަމްގެ ބައި [ރައްޔިތުންގެ ސީދާ ވޯޓަށް ދިއުމުން] ގެންނަން ޖެހޭނެ. ޢައްޔަނުކުރުމަށްފަހު، މަޖިލީހަކަށް, ރައީސުލްޖުމްހޫރިއްޔާއަކަށް އޭނަ ވަތްކެއް ނުކުރެވޭނެ. އިނގޭތޯ. އޭނަ ވަކި މި ކުރެވެނީ މަޖިލީހުން އަދި ވަކި ކުރަން ނިންމީމާ މަޖިލީހުގެ ނިންމުން ރައްޔިތުން ބަލައިގަންނަންޏާ." މިނިވަން މުވައްސަސާތަކުގެ މެންބަރުން ވަކިކުރުުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމަށް ނިޒާމަށް ގެންނަން ޖެހޭ ބަދަލު ފައްޔާޒު ކިޔާދެއްވިއެވެ.
މިފަދައިން ރައްޔިތުންގެ ގާތަށް ގިނައިން ވޯޓަށް ދިއުން ޚަރަދު ބޮޑުކަމަށް ދެކޭ ފަރާތްތަކަކީ ޚުދުމުޚުތާރު ބައެއްކަމަށް ފައްޔާޒް ސިފަކުރެއްވައި ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ޚަރަދެއް ބޮޑުވެގެން އެވާހަކަ ދައްކަނީ ލަދު ހަޔާތް ކުޑަވެގެން ކަމަށެވެ.






ރިއެކްޓް