ޚަބަރު

ވިލުފުށި ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި އަލިފާން ރޯވެއްޖެ

މިހާދިސާަގައި އެކަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާދިނުމަށް ގެންގޮސްފައިވޭ

ޖުލައި 1, 2025 - 10:00
ޖުލައި 1, 2025 - 10:05
 0
ވިލުފުށި ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި އަލިފާން ރޯވެއްޖެ
އަލިފާން ރޯވެފައިވާ ބޯޓު -- ފޮޓޯ: ސޯޝަލްމީޑިއާ

ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

ވިލުފުށީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި އަލިފާން ރޯވެފައިވަނީ ބަނދަރުގައި ތެޔޮ އަޅައި ނިމިގެން ފުރަން އުޅުނު ކުޑަ ބޯޓެއްގައެވެ. އަދި މި ބޯޓާއެކު އިތުރު ދޯންޏެއްގައިވެސް އަލިފާން ހިފާފައިވާކަމަށާއި ދެމީހަކު ފިހިގެން ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށާއި އޭގެތެރެއިން އެކަކަކީ ބޯޓުގެ ވެރިމީހާކަމަށް ކައުންސިލްގެ ނާއިބުރައީސް ވިދާޅުވިއެވެ.

އަދި އަލިފާން ނިއްވުމުގެ މަސައްކަތް ރަށުގެ ޒުވާނުން ކުރަމުންދާކަމަށާއި ނަމަވެސް މާބޮޑު ކާމިޔާބެއް ލިބިފައި ނުވާަކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

"ބަނދަރު ކައިރީގައި ތެޔޮ ޕޮއިންޓެއް ހުރީމަ އެތަނަށް އަލިފާން ނުފޯރާނެ ގޮތެއް ވޭތޯ މަސައްކަތް ކުރަނީ މި. މިހާރުވެސް ނިއްވުމުގެ މަސައްކަތުގަ އެކުދިން އެ އުޅެނީ. ހީވަނީ މިހާރު ރޯވެފައި ހުރީ ދޯނީގެ މައިގަނޑުގަހެން" ވިރާސީއާއި ވާހަކަދައްކަވަމުން ކައުންސިލް ނާއިބުރައީސް ހުސައިން އަބްދުއްސަލާމް ވިދާޅުވިއެވެ.

މި ހާދިސާއާއި ބެހޭގޮތުން އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން ކަމަށާއި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 09:41ގައި ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0