ވަގު ފޯމު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނުލިބުނު: ފުލުހުން

އެމްޑީޕީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން އެހެން ބަޔަކު ވަގު ފޯމެއް ހުށަހެޅިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ޖިނާޢީ ތަހުޤީޤެއް ހިންގާ ވަރަށް ހެކި ނުލިބުނުކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ތޯރިގު މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މައްސަލާގެ ޖަވާބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގަޕްރިންޓަކާ ދިމާނުވާ ކަމަށެވެ.
ސައްޚަނޫން ފިންގަޕްރިންޓެއް ފޯމުގައި ޖަހާފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ޕީއެންސީ ޖޫރިމަނާކުރިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިގޮތުން ޕީއެންސީ ޖޫރިމަނާ ކޮށްފައިވަނީ 5000ރ އިން ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާކަމަށް ފުލުހުންގެ ޖަވާބުގައި ބުނެފައިވެއެވެ.
ފުލުހުންގެ ޖަވާބާއި ގުޅިގެން ތާރިގު ވަނީ ސޯޝަލްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
"އަޅުގަނޑުގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް ވެއްދި މައްސަލަ ފުލުހަށް ހުށަހެޅުމުން ބަލައިނުދީ ފައިލްކޮށްފި. މިގޮތަށް މިކަން ނިންމާފައި މިވަނީ ސްކޭމް ތަކަށާއި މިފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމުގައި ދެކެން." ތާރިގުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެކި މީހުންގެ މަޢުލޫމާތު ބޭނުންކޮށްގެން ޕާޓިތަކަށް ވަގަށް މީހުން ވެއްދުމަކީ ރާއްޖޭގައި ޢާއްމުކަމެކެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިކަން ހައްލުކުރުމަށް ވަކި ހާއްސަ ޕޯޓަލްއެއް ޤާއިމުކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ޕާޓީއަށް ރަޖިސްޓްރީ ވެވެނީ ހަމައެކަނި އީ ފާސް މެދުވެރިކޮށެވެ.
ރިއެކްޓް



