ވާނުވާ ބަންދުގައި ތިބި މީހުން އިލެކްޓްރޯނިކް މޮނިޓަރިން ޓެގު އަޅުވައި ދޫކުރަނީ
ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައި މި ލުއި ދެވޭނެ

ޝަރީއަތް ނިމެންދެން ނުވަތަ ވާނުވާ ބަންދުގައި ތިބޭ މީހުންގެ ތެރެއިން ބައެއް މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން ބަންދަށް ލުއިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ލުއި ދެވޭނީ ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ފެންނަ މީހުންނަށެވެ. މިގޮތުން ބަންދަށް ލުއިދެވިދާނެ މީހުން ކަނޑައެޅުމަށް، ފުލުހުންނާއި ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ހާއްސަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެއެވެ.
މި ނިޒާމުގެ ދަށުން ބަންދަށް ލުއިދިނުމަށް ނިންމާނީ އެސެސްމަންޓަށް ރިއާޔަތްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. އަދި އެއަށްފަހު ބަންދު މުރާޖައާކުރުމަށް ކޯޓަށް ހުށަހެޅޭނެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައި މި ލުއި ދެވޭނެއެވެ.
ބަންދަށް ލުއިދެވޭ މީހުންގެ ޝަރުތުތައް ކޮންމެ 100 ދުވަހަކުން އެއްފަހަރު މުރާޖައާކުރެވޭނެ ކަމަށާއި، ޝަރުތަކާ ހިލާފުވެއްޖެނަމަ، އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދެވޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި ނިޒާމުގެ ދަށުން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު ޕީޖީ އޮފީހުގެ ވެބްސައިޓުންނާއި ކައުންޓަރުންނާއި ޖަލުތަކުން ލިބެން ހުންނާނެއެވެ. އަދި އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށްވެސް މިކަމަށް އެދި ހުށަހެޅިދާނެއެވެ.
ރިއެކްޓް



