ތުއްތު ކުއްޖާގެ ހާލަތު ގާތުން މޮނިޓަރކޮށް، ފަރުވާ ދެވުނު: އައިޖީއެމްއެޗް
ކަންކަން އިސްލާހު ކުރާނެކަމުގެ ޔަގީންކަން އަރުވާކަމުގައި ހޮސްޕިޓަލުން ބުނި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް އިން) ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި އަށް މަހުގެ ތުއްތު ކުއްޖާގެ ބަލީގެ ހާލަތު ހުރިގޮތް ޑޮކްޓަރުން ދިޔައީ ގާތުން ބަލަމުން ކަމަށާއި އެވަގުތަށް ދެވޭނެ ފަރުވާ ވެސް ދިން ކަމަށެވެ.
އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ގާތުން މޮނިޓަރކޮށް، އެވަގުތު ދެވެން އޮތް ފަރުވާދީ، ގުޅުން ހުރި ލޭގެ އަދި އެހެނިހެން ތަހުލީލުތައްކޮށް ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ދިޔައީ ގެންނަމުންނެވެ. އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް ބުނެފައިވެއެވެ.
ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށް ވެސް ގެއްލުން ވެދާނެ ފަދަ، ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަމެއް ކަމަށެވެ. އަދި މި މައްސަލަ ވެސް އިތުރަށް ބަލަމުންދާ ކަމަށާއި، ބަލިމީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ އިސްލާހު ކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.
"މި މައްސަލަ ވެސް މި ހޮސްޕިޓަލުން މިގެންދަނީ އިތުރަށް ބަލަމުން. އަދި ބަލިމީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ، އެ ކަންކަން އިސްލާހު ކުރާނެކަމުގެ ޔަގީންކަން އަރުވަން" ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.
ރިއެކްޓް



