ޚަބަރު , ސިޔާސީ

ތިނަދޫ ކައުންސިލް ހިންގަން އަލުން ސައުދުއާ ހަވާލުކުރުމަކީ ޖަރީމާ ހިންގަން ދެވޭ ފުރުސަތެއް: ސައުދުﷲ

ޖުލައި 5, 2025 - 18:20
ޖުލައި 5, 2025 - 18:22
 0
ތިނަދޫ ކައުންސިލް ހިންގަން އަލުން ސައުދުއާ ހަވާލުކުރުމަކީ ޖަރީމާ ހިންގަން ދެވޭ ފުރުސަތެއް: ސައުދުﷲ
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ -- ފޮޓޯ: މަޖިލިސް

ތިނަދޫ ސިޓީ ކައުންސިލް ހިންގުން އަލުން މޭޔަރު ސައުދު އަލީއާ ހަވާލުކޮށްފި ނަމަ، އެކަން ވާނީ ޖަރީމާ ހިންގުމަށް ދެވޭ ފުރުސަތަކަށް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސައުދުﷲ ވިދާޅުވި ގޮތުގައި، ތިނަދޫ ކައުންސިލުން ދައުލަތުގެ އެކިއެކި ފަރާތްތަކަށް ދޮގު މަޢުލޫމާތު ދިނުމާއި އެތައް ބައެއްގެ ޝަޚްޞު އޮޅުވާލައި މަކަރާއި ހީލަތް ހަދާފައިވާކަން ފުލުހުންގެ ތަހުޤީޤުން އެނގިފައިވާކަމަށެވެ. އަދި އޭސީސީން ހިންގާ ތަޙުޤީޤުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާކަން ޔަޤީންކުރެވޭ ވަރުގެ ލިޔުންތައް ހުރި ކަމަށްވެސް ސައުދުالله ފާހަގަކުރެއްވިއެވެ.

ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރެވުނީ އެލްޖީއޭ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަޙުޤީޤުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވުމާ ގުޅިގެންނެވެ. އެލްޖީއޭ އިން ހިންގި ޚާއްސަ އިންކުއަރީގައި ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި، ރަށްވެހިކަން ބަދަލުކުރުމަށް 5،000 ރުފިޔާގެ ފީއެއް ނެގުން ހިމެނެއެވެ.

މީގެ އިތުރުން، މާލީ ވުޒާރާގެ ހުއްދަ ނެތި ކައުންސިލްގެ ބިޑް ކޮމެޓީއާއި ބިޑް އިވެލުއޭޝަން ކޮމެޓީއަށް އެލަވަންސް ދިނުމާއި، ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލުމާއި، ވަކި ފަރާތަކަށް މަންފާވާގޮތަށް ލޯންޗެއް ގަތުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވެއެވެ.

އެލްޖީއޭ އިން ފާހަގަކޮށްފައިވާ ގޮތުގައި، މޭޔަރު ސައުދު އަލީ އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ، ތިނަދޫ ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް ކަމުގައި ތިއްބަވައި ސިޓީ ކައުންސިލު ވުޖޫދުވުމުގެ ކުރިން ސިޓީ ކައުންސިލުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މުސާރަ ނަގާފައިވާ ކަމަށްވެސް ވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0