ސިޔާސީ , ޚަބަރު

ސީރިއަސް ތުހުމަތުތަކަކާއެކު ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކޮށްފި

ތިނަދޫ ސިޓީގެ މޭޔަރު ވިދާޅުވެފައިވަނީ، "އެލްޖީއޭއިން މިގޮތަށް ޢަމަލުކުރީ ސިޔާސީ ބޭނުމެއްގައި" ކަމަށް

ޖޫން 25, 2025 - 20:06
ޖުލައި 1, 2025 - 02:22
 0
ސީރިއަސް ތުހުމަތުތަކަކާއެކު ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކޮށްފި
ތިނަދޫ ސިޓީ ކައުންސިލް މޭޔަރު އަދި ޑެޕިއުޓީ މޭޔަރު -- ފޮޓޯ: ތިނަދޫ ސިޓީކައުންސިލް

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބެލުމަށްފަހު، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑްކޮށް އިސްލާހީ ފިޔަވަޅު އެޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފިއެވެ.

އެލްޖީއޭ އިން ހިންގި ޚާއްސަ އިންކުއަރީގައި ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި، ރަށްވެހިކަން ބަދަލުކުރުމަށް 5،000 ރުފިޔާގެ ފީއެއް ނެގުމާއި، އެލްޖީއޭ ބޯޑުން އަންގާ އެންގުންތަކަށް އަމަލު ނުކުރުން ހިމެނެއެވެ.

މީގެއިތުރުން، މާލީ ވުޒާރާގެ ހުއްދަ ނެތި ކައުންސިލްގެ ބިޑް ކޮމެޓީއާއި ބިޑް އިވެލުއޭޝަން ކޮމެޓީއަށް އެލަވަންސް ދިނުމާއި، ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލުމާއި، ވަކި ފަރާތަކަށް މަންފާވާގޮތަށް ލޯންޗެއް ގަތުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވެއެވެ. އަދި މީގެ އިތުރުން މޭޔަރު ސައުދު އަލީ އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ، ތިނަދޫ ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް ކަމުގައި ތިއްބަވައި ސިޓީ ކައުންސިލު ވުޖޫދުވުމުގެ ކުރިން ސިޓީ ކައުންސިލުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މުސާރަ ނަގާފައިވާ ކަމަށްވެސް އެލްޖީއޭއިން ފާހަގަކޮށްފައިވެއެވެ.

އިންކުއަރީގެ ނަތީޖާއެއްގެ ގޮތުން، މޭޔަރު ސައުދު އަލީ މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ތިން މަސްދުވަހަށް ސަސްޕެންޑްކުރުމަށާއި، ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސްދުވަހަށް ސަސްޕެންޑްކުރުމަށް ވަނީ ނިންމާފައެވެ. އަދި ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް އިތުރަށް ދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް އަންގާފައިވެއެވެ.

މި ނިންމުމާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ވިދާޅުވެފައިވަނީ، "އެލްޖީއޭއިން މިގޮތަށް ޢަމަލުކުރީ ސިޔާސީ ބޭނުމެއްގައި" ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0