ޚަބަރު

ތިލަމާލެ ބްރިޖުގެ ހުރިހާ ތަނބެއް ޖަހައި ނިންމައިފި

މި މަޝްރޫޢުގެ %60 ވަނީ މިހާރު ނިމިފަ

ޖުލައި 1, 2025 - 09:12
 0
ތިލަމާލެ ބްރިޖުގެ ހުރިހާ ތަނބެއް ޖަހައި ނިންމައިފި
ތިލަމާލެ ބްރިޖުގެ މަސައްކަތް ހިނގަމުންދަނީ -- ފޮޓޯ: ވިރާސީ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ "ތިލަމާލެ" ބްރިޖުގެ ހުރިހާ ތަނބުތަކެއް ޖަހައި ނިމި، މުޅި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށި ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި އެއްގަމާއި ކަނޑުގެ 68 ސަރަހައްދެއްގައި 263 ތަނބު ވަނީ ޖަހައި ނިމިފައެވެ. މިއީ މުޅި މަޝްރޫއުގެ އެންމެ ގޮންޖެހުންތެރި މަރުހަލާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ފެށުނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ އާ މަސައްކަތް ހަވާލުކުރެވުނު އިރު، މިހާރު ވަނީ މަޝްރޫއުގެ 60.84 އިންސައްތަ މަސައްކަތް ނިމިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދޮޅު އަހަރުގެ ތެރޭގައި މަޝްރޫއުގެ 31 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާއިރު، މި މަޝްރޫއު ނިންމައި ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ކުރިންނެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން އަޅަމުންދަނީ ތިން ބްރިޖެކެވެ. އެއީ މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅީފަޅު-ތިލަފުށި ގުޅާލާ ބްރިޖުތަކެވެ. މި މަޝްރޫއަކީ އިންޑިއާގެ 500 މިލިއަން ޑޮލަރުގެ (7.7 ބިލިއަން ރުފިޔާ) ލޯނު އަދި ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0