ސުޕްރީމްކޯޓުންވެސް ތާއީދުކުރީ ޝަމްޢާން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް
ދަޢުވާތަކުގެ ތެރޭގައި ފޭރުމުގައި ބައިވެރިވުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ހިމެނޭ

ބިދޭސީންގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަހީދު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
މި މައްސަލައިގައި ޝަމްޢާންގެ މައްޗަށް ތުހުމަތުކުރެވެނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500,000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދައިގެން އޭނާގެ ގެއަށް ގެންދިޔަ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިދިޔަ މާރިޗު 20 ވަނަ ދުވަހު ޝަމްޢާން ވަނީ މަޤާމުން ވަކިކޮށް ހައްޔަރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ޝަމްޢާން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތާއީދުކުރައްވާފައެވެ. މި މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާޠިލުކުރާނެ ތަނެއް ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.
ޝަމްޢާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ފޭރުމުގައި ބައިވެރިވުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ހިމެނެއެވެ. މި ކުށްތައް ސާބިތުވެއްޖެނަމަ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 15 އަހަރާ ހަމައަށް ޖަލު ހުކުމެއް އަދި އެކި މިންވަރުގެ ޖޫރިމަނާ ކުރެވޭނެއެވެ.
މި މައްސަލައިގައި ޝަމްޢާންގެ ގެއިން ފެނުނު ބައި މިލިއަނެއްހާ ރުފިޔާއަކީ ބަންދުން ދޫކޮށްލި ބިދޭސީއެއްގެ އަތުން ނެގި ފައިސާކަމަށް ފުލުހުން ތުހުމަތުކުރާއިރު، އެ ފައިސާގެ ތެރެއިން 500,000 ރުފިޔާގެ ބަދަލު ބިދޭސީ މީހާއަށް ނަގައިދިނުމަށްވެސް ވަނީ އެދިފައެވެ.
ރިއެކްޓް



