ސްޓޫޑެންޓް ލޯނަށް ކުރިމަތިލީ 1351 ދަރިވަރުން މެއި މަހުން ފެށިގެން އިންތިޒާރުގައި

ރާއްޖެ އާއި ރާއްޖއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ކޮންމެ އަހަރަކު ދޫކުރާ ލޯނު ސްކީމަށް އެދި މި އަހަރު ހުށަހެޅި 1351 ދަރިވަރުންނަށް އަދިވެސް ލޯނު ލިބޭ ކަމެއް ނުވަތަ ނުލިބޭ ކަމެއް ނޭނގެއެވެ.
މި އަހަރުގެ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ 500 ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ މާރިޗު 29 ގައެވެ. އެ ފުރުސަތު ހަމަވީ އެޕްރީލް 30 ގައެވެ. އަދި މިނިސްޓްރީ އިން ފާހަގަކުރި ބައެއް ކަންކަން އިސްލާހުކޮށް، އެޕްލިކޭޝަން ފޯމު ރީ-ސަބްމިޓް ކުރުމަށް ދިން މުއްދަތު ހަމަވީ މެއި 22 ގައެވެ. އޭގެ ފަހުން މިއަދާއި ހަމައަށް 53 ދުވަސް ވެއްޖެއެވެ.
މި ކަމާއި ގުޅިގެން ސުވާލު ކުރާ ހުރިހާ ދަރިވަރުންނަށް މިނިސްޓްރީ އިން ދެމުން އަންނަނީ އެއް ޖަވާބެކެވެ. އެޕްލިކޭޝަންތައް "އިވެލުއޭޓް" ކުރެވުނުހާ އަވަހަަކަށް ލިސްޓް އާއްމު ކުރާނެކަމެވެ.
ރާއްޖެއިން ބޭރުގެ ގިނަ ޔުނިވާސިޓީތަކުގެ އެންމެ މުހިންމު އެއް އިންޓޭކަކީ ސެޕްޓެމްބަރު އިންޓޭކެވެ. ސެޕްޓެމްބަރު މަސް ފެށުމަށް ބާކީ އޮތީ 48 ދުވަހެވެ. "މިހާރު މިވަނީ ވަގުތު ވަރަށް ބޮޑަށް ގޮސްފައި. ޔުނިވާސިޓީތަކުން އެޑްމިޝަން ލިބިފައި ތިބި ކުދިން ވެސް މިތިބީ ލޯނު ލިބޭނެކަމުގެ ޔަގީންކަން ނެތިފައި. އަދި ލޯނު ނުލިބޭ ކަމަށް ވަންޏާ އެހެން ގޮތްތަކެއް ހޯދަން ވެސް ވަގުތު ބޭނުންވޭ"، ރާއްޖެއިން ބޭރުގެ ޔުނިވާސިޓީ އަކުން ސެޕްޓެމްބަރު އިންޓޭކަށް އެޑްމިޝަން ހޯދައިފައިވާ ދަރިވަރަކު "ވިރާސީ" އާއި ހިއްސާކުރިއެވެ.
"ސެޕްޓެމްބަރު އިންޓޭކަށް ކިޔެވުމަށް ރާވާފައި ތިބި ކުދިން މިތިބީ ވަރަށް ކަންބޮޑުވެފައި. ލޯނު ލިބޭނެކަން ޔަގީންނުވާތީ ކުރިއަށް ދާނެ ގޮތެއް ނޭނގިފައި،" އެހެން ދަރިވަރަކު ހާމަކުރިއެވެ
ގިނަ ދަރިވަރުންގެ ހުރީ މިފަދަ ޝުއޫރެވެ. މި އަހަރުގެ ޖެނުއަރީ މަހު އޭލެވެލް ނަތީޖާ ލިބުނީއްސުރެ، މި ދަރިވަރުން އިންތިޒާރު ކުރީ ސްޓޫޑެންޓް ލޯނު އިއުލާނު ކުރުމަށެވެ. އެއަށްފަހު، މެއި އެކަކުން ފެށިގެން އިންތިޒާރު މި ކުރަނީ ލޯނު ލިބޭކަމުގެ ފެހި ސިގުނަލަށެވެ. "މިތިބީ ހަދާނެ ގޮތެއް ނޭނގި 'ވޮއިޑެއް' ގައި،" މިހެން ބުނީ އޭ ލެވެލް ނިންމާފައި ލޯނަށް އެދިފައިވާ ދަރިވަރެކެވެ.
މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާން ކުރީ ލޯނަށް އެދި ހުށަހެޅުމަށް 500 ފުރުސަތެވެ. ވީމާ މިހާރު ހުށަހަޅާފައިވާ 1351 ދަރިވަރުންގެ ތެރެއިން ލޯނު ލިބޭނީ ކިތައް ދަރިވަރުންނަށް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. މި ސަރުކާރުން މިދިޔަ އަހަރު ވަނީ ލޯނަށް އެދި ހުށަހެޅި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކޮށްފައެވެ.
ސްޓޫޑެންޓު ލޯނާއި ސްކޮލަޝިޕްގެ ދަށުން ކިޔަވާ ކުދިންގެ ފައިސާ ޖަމާކޮށްދިނުން ލަސްވާ މައްސަލައިގައި މިނިސްޓަރު ހައިދަރު ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. އެ ޖަލްސާ ގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށާއި، މި އަހަރުވެސް އެގޮތަށް އަމަލުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެއާ ވިދިގެން، އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ސްޓޫޑެންޓް ލޯނު ލިބޭ ކުދިންގެ 'އެޕްލިކޭޝަން ސްޓޭޓަސް' ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޖޫން މަހު އަންގާފައެވެ. ވީމާ މި އަހަރުގެ ޖޫން މަސް ނިމި ޖުލައި ދެބައި ވަމުންދާއިރު، މި މައްސަލައިގައި ގިނަ ދަރިވަރުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރިއެކްޓް



