ވިޔަފާރި , ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް މި އަހަރު ވެސް 80 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯގެ ނިމުނު އަހަރުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %6 ވަނީ ދަށްވެފަ

މޭ 17, 2025 - 23:36
ޖުލައި 1, 2025 - 03:00
 0
އެސްޓީއޯގެ ހިއްސާއަކަށް މި އަހަރު ވެސް 80 ރުފިޔާ ބަހަން ފާސްކޮށްފި
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ

ނިމުނު އަހަރެކޭ އެއްގޮތަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

ނިމުނު އަހަރު އެ ކުންފުނީގެ މާލީ އުސްއަލިތަކަށް ބަލާއިރު ޖުމްލަ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، ޖުމްލަ ސާފު ފައިދާގެ ގޮތުގައި 741 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ނަމަވެސް އެސްޓީއޯއަށް ނިމުނު އަހަރު ލިބުނު ޖުމްލަ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %6 ވަނީ ދަށްވެފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު އެ ކުންފުނިން ވިއްކާ ތެޔޮ މިދިޔަ އަހަރު ތެރޭ ތިން ފަހަރެއްގެ މަތިން އަގުހޮޔޮ ކުރުމުންނެވެ.

މިރޭގެ ޖަލްސާގައި މި އަހަރު އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޑެލޮއިޓްއެވެ. އަދި ނިމުނު އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާން ވެސް ވަނީ ފާސްކޮށްފައެވެ.

މިރޭގެ ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރަން އިންތިހާބު ކޮށްފައިވަނީ ކުރިންވެސް އެ މަގާމުގައި ހުރި މުހައްމަދު އަހުސަން ސަލީމްއެވެ.

މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވެސް، އެ ކުންފުންޏަށް އޭގެ ކުރީ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ބަހަން ފާސްކުރީ 80 ރުފިޔާއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0