ދައުރުގެ މެދުތެރެއިން ރައީސްއަށް ރުހުން އޮތްތޯ ބަލަން ވޯޓެއް ނަގަން ރައްޔިތުންނަށް އެދެވެންޖެހޭ: އަމީން

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވަމުން ގެންދާ ފަރާތަކަށް ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ވޯޓެއް ނެގުމަށް ރައްޔިތުންގެ ފަރާތުން އެދެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑީތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ބިލަށް ބަހުސް ކުރަމުން އަމީން ވިދާޅުވެފައިވަނީ މި ބިލަކީ ރައްޔިތުންނަށް ބާރު ދިނުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބިލަކަށް ވާނަމަ މި ބިލުގައި ރައްޔިތުން ހިތްހަމަ ނުޖެހޭނަމަ އެކަމަކާއި މެދު ވެސް ވޯޓުނެގޭނެ ގޮތްތަކެއް އޮންނަން ޖެހޭނެއެވެ.
"ހިމަނަންވީ ދައުރުގެ މެދުން، މި އަންނަ ދައުރުން ފެށިގެން ދައުރުގެ މެދުން ރައްޔިތުން ކިހިނެއްތޯ ދެކެނީ ވެރިކަން ކުރާ ބޭފުޅާއާ ދެމެދު. ރަނގަޅަށްތޯ ކުރަނީ، ރައްޔިތުންގެ އިހުސާސްތައް ދެނެގެންތޯ ކުރަނީ، ވީ ވައުދުތައް ފުއްދާތޯ. ނުފުއްދާ ކަމަށްވާނަމަ ދައުރު މެދުން، ރައްޔިތުން ނުރުހޭ ކަމަށްވާނަމަ ދައުރު މެދުން ވިޔަސް އިންތިހާބެއް ބޭއްވޭނެ ގޮތަށް ބިލުގައި ހިމަނަންވީ މިއީ ރައްޔިތުންނަށް ބާރު ދިނުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބިލަކަށް ވާނަމަ" އަމީން ވިދާޅުވިއެވެ.
އަދި, މި ދައުރުގެ ތެރޭގައި ނަގާ ވޯޓަކުން މި ދައުރުގެ މުއްދަތަށް އަސަރުކޮށްގެން ނުވާނެ ކަމަށާއި ގެންނަ ބަދަލުތައް ފަށަން ޖެހޭނީ ދެން އަންނަ ދައުރަކުން ފެށިގެންކަމަށް އަމީން ވިދާޅުވިއެވެ.
ރިއެކްޓް



