ރީތިބަހުން މުޢާމަލާތް ކުރުމަށް އިމިގްރޭޝަންގެ އޮފިސަރުންނަށް ދަސްކޮށްދީފި

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނަށް ރީތިބަހުން މުޢާމަލާތް ކުރުމާއި ގުޅޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ހިންގުނު ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމުގައި ކިޔަވާދެއްވީ ދިވެހި ބަހުގެ ލެކްޗަރަރ އަޙްމަދު ޝިޔާމް އެވެ.
މި ތަމްރީން ޕްރޮގްރާމުގައި އިމިގްރޭޝަންގެ އެކި ފަންތީގެ އޮފިސަރުން ބައިވެރިވެފައިވާއިރު، ޚާއްސަކޮށް ކައުންޓަރުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި، ބޯޑަރ ކޮންޓްރޯލް ޕޮއިންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް އަމާޒުކޮށްގެން މި ތަމްރީން ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވެއެވެ.
ތަމްރީން ޕްރޮގްރާމުގައި އޮފިސަރުންނަށް ދަސްކޮށްދީފައިވަނީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާ މުޢާމަލާތް ކުރާނެ ރަނގަޅު ގޮތްތަކާއި، ޕްރޮފެޝަނަލް މުޢާމަލާތުގެ މުހިންމުކަމާއި، ރީތިބަހުން ވާހަކަދެއްކުމުގެ މުހިންމުކަމެވެ. މީގެ އިތުރުން ދިމާވާ އެކި ހާލަތްތަކުގައި ކަންކުރަންވީ ގޮތުގެ މަޢުލޫމާތުވެސް ދީފައިވެއެވެ.
Loading tweet content... View original tweet
އިމިގްރޭޝަންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ އެ އިދާރާގެ ސަރވިސް އެކްސަލަންސް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން އެއް ތަމްރީނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އިމިގްރޭޝަންގެ ޚިދުމަތްތަކަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި، ބިދޭސީންނާއި، އަދި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކަމަށްވުމާއެކު، މި ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު މަތިކުރުމަށް އިމިގްރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ރިއެކްޓް



