ސިޔާސީ , ޚަބަރު

ރައީސް ބޭނުންވީމާ ފަނޑިޔާރުން ބަދަލު ނުކުރެވޭ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ބޭނުންވީމާ ފަނޑިޔާރުން ބަދަލު ނުކުރެވޭ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭ: ނަޝީދު

މޭ 14, 2025 - 17:53
ޖޫން 30, 2025 - 22:59
 0
ރައީސް ބޭނުންވީމާ ފަނޑިޔާރުން ބަދަލު ނުކުރެވޭ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭ: ނަޝީދު
ރައީސް ނަޝީދު -- ފޮޓޯ: މުޙައްމަދު ޝާބިން

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ބޭނުންވާ އިރަށް ފަނޑިޔާރުން ބަދަލުނުކުރެވޭ ގޮތަށް ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މި ވާހަކަ އެމަނިކުފާނު ދައްކަވާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މިއަދު ވަކިކުރުމާ ގުޅިގެންނެވެ.

"ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބައްދަލުކުރަން ޖެހޭ ކަމަށް އާ ވެރިންގެ ހިތަށް ވަންނަ ކަމީ ވަރަށް ބޮޑު ދެރައެއް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ އިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވަރު ކުރި ގޮތެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖުޑީޝަރީއަށް ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ނުފޫޒު ފޯރުވާ ކަމަށް ބުނެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާއެކު، މި ވެރިކަން އައި ފަހުން ސުޕްރީމް ކޯޓުގެ ބެންޗުން ވަކިވެފައިވަނީ ތިން ފަނޑިޔާރުންނެވެ. ފެހި ގާނޫނުއަސާސީއަށް 2008 ގައި އަމަލުކުރަން ފެށުމަށްފަހު އައި ކޮންމެ ވެރިކަމަކާ އެކު ފަނޑިޔާރުން ބަދަލުކުރަމުން އައިސްފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އެހެނަސް މި ގާނޫނުއަސާސީ ބައްޓަންކޮށްފައި މިވަނީ، އުންމީދުކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް... ކޮންމެ ވެރިކަމަކުން ވެސް މިވަނީ ފަނޑިޔާރުން ބަދަލުކޮށްފައި. އެއީ ވަރަށް ބޮޑު ދެރައެއް، އަދި ގޯހެއް. މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަން ޖެހޭ،" ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ނަޝީދު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ފާހަގަކުރައްވާފައިވެއެވެ. ޖޭއެސްސީން މި މައްސަލަ ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމާ ގުޅިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0