ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރަން ކައިރިވެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 897،444 ފަތުރުވެރިންނެވެ.
މި މަހުގެ އެކަކުން 13 އަށް 66،700 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 58،015 ފަތުރުވެރިންނެވެ.
އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެއީ 102،423 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން (96،656) އެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުން (92،680) އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 71 އިންސައްތަ މީހުން ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އަދި 23.5 އިންސައްތަ މީހުން ގެސްޓްހައުސްތަކުގައި ހޭދަކުރާއިރު، ހޮޓާތަކުގައި ހޭދަކުރަނީ ތިން އިންސައްތަ މީހުންނެވެ. މިވަގުތު ރާއްޖޭގައި 175 ރިސޯޓާއި، 836 ގެސްޓްހައުސް އަދި 158 ސަފާރީ ހިންގަމުންދެއެވެ.
ސަރުކާރުން މި އަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މި އަމާޒަށް ވާސިލުވުމަށް ރާއްޖޭގައި ރިސޯޓްތައް ހިންގަމުންދާ ކުންފުނިތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވެރިންގެ އިތުރުން، ސަރުކާރުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.
ރިއެކްޓް



