ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އަތުލައިގެންފި
ބިދޭސީން އަތުލައިގަތީ މާލޭގެ ކެފޭއަކުން

ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިމިގްރޭޝަނުގެ ޓާސްކް ފޯސް އިން އިއްޔެ ހަވީރު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ރެއިޑުގައި މާލޭގެ ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ އިދާރާއިން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.
އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން އަތުލައިގަނެފައިވާއިރު މި މައްސަލަތަކާއި ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓާކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަން މޮނީޓާރ ކުރުމަށް އިމިގްރޭޝަނުގެ އޮފިސަރުން ހަމަޖައްސާފައިވެއެވެ.
ރިއެކްޓް



