އޮޅުހިޔާގައި ތިބި ބުޅަލަށްވުރެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ގިނަ!
އޮޅުހިޔާގައި ބަލަހައްޓަނީ 30 ބުޅާ

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބުޅާ ފެސިލިޓީ "އޮޅުހިޔާ" ގައި މިހާރު ތިބި ބުޅަލުގެ އަދަދަށްވުރެ އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަކަން މިއަދު ހާމަވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ އެކި ސިޔާސީ މަގާމުތަކުގައި މިވަގުތު ތިބީ 48 މުވައްޒަފުންނެވެ. އެހެންނަމަވެސް މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި އޮޅުހިޔާގައި މިހާތަނަށް ބަލަހައްޓަމުން ގެންދަނީ 30 ބުޅަލެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން 248 ސިޔާސީ މުވައްޒަފުން ވަކިކުރި ކަމަށް ސަރުކާރުން އިއުލާނު ކުރިއެވެ. ނަމަވެސް މި މުވައްޒަފުންގެ ތަފްސީލީ މައުލޫމާތު މިހާތަނަށް ވަނީ ހާމަނުކޮށެވެ.
މި މައްސަލައާ ގުޅޭގޮތުން އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ "ސިޔާސީ މުވައްޒަފުންނާއި ވަކިކުރި ކަމަށް އިއުލާނުކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކަން އެނގިވަޑައިނުގަންނަވާ" ކަމަށެވެ.
މި މައްސަލައިގައި ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ ވަކިކުރި މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރުމާއި، އަދި މިނިސްޓްރީތަކުގައި އަދިވެސް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބުމާމެދު އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.
ރިއެކްޓް



