ހާރިޖީ ވަޒީރު ހަލީލް މިއަދު މަޖިލީހަށް ހާޒިރުވުމަށް އުޒުރުވެވަޑައިގެންފި

ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ސުވާލުތަކަށް ޖަވާބުދެއްވުމަށް އުޒުރުވެރިވެވަޑައިގެންފިއެވެ. މިއަދުގެ މަޖިލީހުގެ އެޖެންޑާގައި ވަޒީރު ހަލީލް ހާޒިރުވެވަޑައިގަތުމަށް ތާވަލުކޮށްފައިވާއިރު، އެހެން ރަސްމީ މަސައްކަތެއް ދިމާވުމާ ގުޅިގެން މަޖިލީހަށް ވަޑައިނުގެންނެވޭނެ ކަމަށް އަންގަވާފައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، "ވަޒީރު ހަލީލް ކޮންމެހެންވެސް ހާޒިރުވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ރަސްމީ އެހެން މަސައްކަތެއް ކުރައްވާން ޖެހިވަޑައިގަންނަވާ ވަގުތާއި މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ގަޑި ދިމާވާތީ، މަޖިލީހަށް ހާޒިރުވެވަޑައިގަނެވެން ނެތްކަން އަންގަވާފައިވާ" ކަމަށެވެ.
ހާރިޖީ ވަޒީރާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރެއްވުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. މި ހުށަހެޅުއްވުމުގައި ހިމެނެނީ ސައުދީގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ދާދި ފަހުން ރާއްޖޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރި، ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ މައްސަލައިގައި ސުވާލު ކުރެއްވުމަށެވެ.
މެންބަރު މީކާއީލް މި މައްސަލައިގައި ވަޒީރާ ކުރައްވަން ހުށަހަޅުއްވާފައިވަނީ ތިން ސުވާލެކެވެ. އެގޮތުން ފަހުދަކީ ޝާހީ އާއިލާގެ ބޭފުޅެއްތޯ އާއި، އެ ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރިވެފައި ނުވަނީ ކީއްވެތޯ އާއި، ފަހުދަކީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ ސައުދީ އާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވެފައިވަނީ ވަޒީރު މަޖިލީހަށް ހާޒިރު ކުރުމުގެ ކަންކަން ވީ އެންމެ އަވަސް ޖަލްސާއަކަށް ތާވަލުކުރައްވާނެ ކަމަށެވެ.
ރިއެކްޓް



