ޚަބަރު

މެލޭޝިޔާ ގައި ކިޔެވުމަށް އެމްއެމްއޭ އިން 35 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި

ޖުލައި 2, 2025 - 16:52
ޖުލައި 2, 2025 - 17:33
 0
މެލޭޝިޔާ ގައި ކިޔެވުމަށް އެމްއެމްއޭ އިން  35 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ފޮޓޯ: ސަން އޮންލައިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މެލޭޝިޔާގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކިޔެވުމަށް 35 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ އެމްއެމްއޭގެ "ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް" ގެ ދަށުން ހުޅުވާލި ސްކޮލަރޝިޕްތަކެކެވެ.

އެމްއެމްއޭއިން މިއަހަރުގެ ފެބްރުއަރީ މަހު ތަޢާރަފުކުރި މި އިނީޝިއޭޓިވްގެ މައިގަނޑު މަޤްޞަދަކީ އިސްލާމިކް ފައިނޭންސްއަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނާއި މަޢުލޫމާތު އިތުރުކޮށްދިނުމެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސްއަށް ފުލް ފަންޑިންގ އާއެކު 5 ސްލޮޓް އަދި ޕާޝަލް ފަންޑިންގ އާއެކު 5 ސްލޮޓް ހިމެނެ އެވެ. މީގެ އިތުރުން، މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީފް)ގެ މައިކްރޯ ސެޓިފިކޭޝަން އިން އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސްއަށް 5 ސްލޮޓް އަދި މެލޭޝިއާގެ ޔުނިވަރސިޓީ އިސްލާމް ސެލަންގޯރ (ޔޫއައިއެސް)ގެ ސެޓްފިކެޓް އިން ޝަރީޢާ އިކޮނޮމިކްސް ފޮރ ބޭންކިންގ އެންޑް ފައިނޭންސްއަށް 20 ސްލޮޓް ހިމެނެ އެވެ.

މި ޕްރޮގްރާމް އިންތިޒާމްކޮށްފައިވަނީ އިންސީފް އަދި ޔޫއައިއެސް އާ ގުޅިގެންނެވެ. އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި މެލޭޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނެގާރާ އިން ފަންޑުކޮށް ގާއިމްކޮށްފައިވާ އިންސީފްއަކީ ދިރާސާގެ ދާއިރާއިން ނަން މަޝްހޫރު މަރުކަޒެކެވެ. އަދި ޔޫއައިއެސްއަކީވެސް އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސްގެ ދާއިރާއިން ފެންވަރު ރަނގަޅު ތަޢުލީމު ދޭ މަރުކަޒެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ.

މި ސްކޮލަރޝިޕް ތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 ޖުލައި 2025 ވަނަ ދުވަހުގެ 23:59 އެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރަނގަޅަށް ކިޔަވައި، ހޭލުންތެރިކަން އިތުރުކޮށް، ޚާއްޞަ ތަމްރީނު ލިބިފައިވާ މާހިރުން ރާއްޖޭގައި އިތުރުކުރުމެވެ. މިއީ ރާއްޖޭގައި މި ދާއިރާ އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0