ސިޔާސީ , ޚަބަރު

އެމްއޭސީއެލްގެ ޗެއާޕާސަނަކަށް ނޫރްއައިން، އެޗްޑީސީއަށް ޝަހީރު އައްޔަންކޮށްފި

ޗެއާޕާސަން ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެއް

މޭ 31, 2025 - 18:21
ޖުލައި 1, 2025 - 00:18
 0
އެމްއޭސީއެލްގެ ޗެއާޕާސަނަކަށް ނޫރްއައިން، އެޗްޑީސީއަށް ޝަހީރު އައްޔަންކޮށްފި
ނޫރައިން ޖަނާހް -- ފޮޓޯ: ގޫގުލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އަދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ޝަހީރު މިއަދު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިކަން އިއުލާންކޮށްފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށެވެ. އެގޮތުން އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ހ. ސީސައިޑް، އައިޝާ ނޫރްއައިން ޖަނާހު އައްޔަންކޮށްފައިވާއިރު، އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މ. ލާލުބާގް، އަހުމަދު ޝަހީރު އައްޔަންކޮށްފައިވާ ކަމަށް ޕީސީބީން ހާމަކޮށްފައިވެއެވެ.

އެމްއޭސީއެލްގެ އައު ޗެއާޕާސަން ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ ނިއުޒިލެންޑްގައި އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު "އާނެސްޓް އެންޑް ޔަންގް" ގެ ދަށުން ހިންގާ ކުންފުންޏެއްގެ މެނޭޖަރުކަން ހިމެނެއެވެ. މީގެ ކުރިން އޭނާ ވަނީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުގައި ހަ މަސްދުވަހު މަސައްކަތްކުރައްވާ، މިދިޔަ އަހަރުގެ މޭ މަހު އިސްތިއުފާ ދެއްވާފައެވެ.

އެޗްޑީސީގެ އައު ޗެއާމަން ޝަހީރަކީ އެސްޓީއޯގައި 29 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2015 އިން 2018 އަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމު ފުރުއްވާފައިވެއެވެ. މީގެ އިތުރުން ޝަހީރު ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ.

އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެ މިދިޔަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. އަދި އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި އެންމެފަހުން ހުންނެވި އަހުމަދު ނާސިފް (ޑީޑީ) މިދިޔަ މާޗު މަހު އެ މަގާމުން ވަކިކޮށް، ވެމްކޯގެ ޗެއާމަނަކަށް އައްޔަންކޮށްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 0