ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ޒުވާން ކެނޑިޑޭޓުންނަށް 33 އިންސައްތަ ޚާއްސަކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޒުވާން ކެނޑިޑޭޓުންނަށް 33 އިންސައްތަ ހާއްސަ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި މަޝްވަރާކޮށްފިއެވެ.
އެމްޑީޕީއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުން ދާއިރު, ޒުވާނުންނަށް މިފަދަ ފުރުސަތެއް ނުވަތަ މިފަދަ އަހައްމިއްޔަތުކަމެއް ދިނުމަކީ ޒުވާނުން ސިޔާސީ ދާއިރާއަށް ނިކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އެމްޑީޕީގެ ލީޑަރޝިޕްއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން, ރޭގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ކެނޑިޑޭޓުންނަށް ދިނުމުގައި ގެންގުޅޭނެ "ވެޓިން ޕްރޮސެސް" އާންމުކޮށް މި ވެޓިން ޕްރޮސެސް އާއި މެދު ވަނީ މަޝްވަރާކޮށްފައެވެ.
މި ވެޓިން ޕްރޮސެސްގެ ބޭނުމަކީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓެއްގެ ސަބަބުން ޕާޓީއަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުންކަމަށް އެ ޕާޓީއިން ބުނެއެވެ. މީގެ ތެރޭގައި ގާނޫނީ ގޮތުން ޝަރުތު ހަމަ ނުވާ ފަރާތްތައް ދެނެގަތުމާއި, އެމްޑީޕީގެ ކެނޑިޑޭޓުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި, ގެވެށި އަނިޔާ ފަދަ ކުށްތަކުން އެއްކިބާވަފައިވާ ބައެއްކަން ކަށަވަރުކުރުން ހިމެނެއެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް ޕްރައިމަރީގައި ވާދަ ކުރެވޭނީ މި ބަޔާންކުރެވުނު ވެޓިން ޕްރޮސެސް ފުރިހަމަކުރުމަށްފަހު ފާސްވާ ފަރާތްތަކަށެވެ.
އިލެކްޝަންސް ކޮމިޝަން އިން އާންމުކޮށްފައިވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ރިއެކްޓް



