ޚަބަރު

ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ސިފައިންގެ އޮފިސަރުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ސިފައިންގެ އޮފިސަރުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ޖޫން 25, 2025 - 20:49
 0
ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ސިފައިންގެ އޮފިސަރުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ނިޔާވި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު --

ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އެމްއެންޑީއެފްގެ އޮފިސަރުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ހެނދުނު 10:30 ހާއިރު މާލެއިން ޅ. އަތޮޅަށް ދަތުރުކުރަމުންދިޔަ ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓް ވަނީ ބަންޑުން ޖަހާލާފައެވެ. މި އުޅަނދުގައި ތިން ސިފައިންނާއި ތިން ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ ހަ މީހުން ދަތުރުކުރިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ހާދިސާގެ މައުލޫމާތު ލިބުމާއެކު އުޅަނދު ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެމަގުން ފެށިކަމަށެވެ. އަދި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ވަނީ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ގެއްލުނު މީހުންގެ ތެރެއިން ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ފެނުނު އިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ. 27 އަހަރުގެ ޝަރަފުވެރި ހިދުމަތެއް ދިވެހި އަސްކަރިއްޔާއަށް ކޮށްދެއްވި ހާމިދުގެ ނިޔާވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާ އާއި މުއައްސަސާ އާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮށްދެއްވުން އެދި ދުއާ ކުރަމެވެ،" ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ގެންދަނީ ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0