ޖުލައި މަސް ނިމުމުގެ ކުރިން ބ.އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެންދާނެ: ރައީސް
ޖުލައި މަސް ނިމުމުގެ ކުރިން ބ.އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެންދާނެ: ރައީސް

މިއަހަރުގެ ޖުލައިމަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ. އަދި މި ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށް ކަމަށް ވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން ރައީސް ވިދާޅުވެފައިވަނީ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ވެސް ފުއްދިގެންދާނެ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރިއަށްދާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މިވަގުތު އާރްޓީއެލްގެ ފެރީ ޚިދުމަތް ދެމުން ގެންދަނީ ހަތަރު ޒޯނެއްގައެވެ. އެގޮތުން ޒޯން 1 ގައި ހއ. ހދ. އަދި ށ. އަތޮޅު ހިމެނޭއިރު، ޒޯން 2 ގައި ނ. އަދި ޅ. އަތޮޅު ހިމެނެއެވެ. އަދި ޒޯން 5 ގައި ގއ. އާއި ގދ. އަތޮޅު އަދި ޒޯން 6 ގައި ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނެއެވެ.
އާރްޓީއެލްގެ ފެރީ ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2022 ވަނަ އަހަރުގެ ޖޫން 12 ވަނަ ދުވަހުއެވެ. އަދި މިހާރު ޚިދުމަތް ނުލިބޭ ޒޯންތަކުގެ ތެރޭގައި ކ، އއ، އދ، ވ އަތޮޅު ހިމެނޭ ޒޯން 3 އާއި މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ޒޯން 4 ހިމެނެއެވެ.
ރިއެކްޓް



