ރިޕޯޓު , ދުނިޔެ

އީރާން އިރާގު ހަނގުރާމައިން މޮޅުވީ ކޮންބައެއް

އީރާން އިރާގު ހަނގުރާމައިން މޮޅުވީ ކޮންބައެއް

ޖޫން 30, 2025 - 15:45
ޖުލައި 1, 2025 - 04:27
 0
އީރާން އިރާގު ހަނގުރާމައިން މޮޅުވީ ކޮންބައެއް
ޚާމަނާއީ އަދި ނަތަންޔާހޫ -- އާޓްވޯކް:ވިރާސީ

މި އަހަރުގެ ޖޫން މަހު ހިނގި ކުރު ނަމަވެސް ހޫނުގަދަ އީރާން-އިސްރާއީލު ހަނގުރާމައިން މެދުއިރުމައްޗާއި  މުޅި ދުނިޔެއަށް ބިރުވެރިކަން ގެނުވިއެވެ. އެންމެ 12 ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމައިގައި ފެނިގެންދިޔައީ ބާރުގަދަ މިސައިލް ހަމަލާތަކާއި، ޑްރޯން ހަމަލާތަކާއި ސައިބަރ ހަނގުރާމައިގެ އިތުރުން އިޒްރޭލުގެ "ބޮޑުބޭބެ" އެމެރިކާގެ އެހީތެރިކަމެވެ.

އިސްރާއީލާއި އީރާނުންވެސް ހަނގުރާމައިގައި ކާމިޔާބު ހޯދިކަމަށް ބުނި ނަމަވެސް، ހަނގުރާމައިގެ ޙަޤީޤީ ނަތީޖާ ދެނެގަތުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.

ސަބަބަކީ އިރާނާއި އިޒްރޭލަށްވެސް މިހަނގުރާމައިގައި ގިނަ ގެއްލުންތަކަކާއި ކުރިމަތިލާން ޖެހުނުކަމެވެ. އިޒްރޭލުގެ އިގްތިސާދީ އަދި އަސްކަރީ މުހިންމު މަރުކަޒުތަކަކަށް އިރާނުން މިސައިލް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު އިޒްރޭލުންވެސް ވަނީ އީރާނުގެ އެކި ސަހަރުތަކަށް ގެއްލުންދެނިވި ހަމަލާތަކެއް ދީފއެވެ.

ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް އައި ބައެއް ބަދަލުތައް

އިރާނުގެ ބާރުވެރިކަން ފާޅުގޮތެއްގައި ފެންނަ ޕްރޮކްސީ ހަނގުރާމަ ފުޅާވެގެންދާނެ މަންޒަރު މިހަނގުރާމައިން ފެނިގެންދިޔައެވެ. މިގޮތުން ހިޒްބުﷲ މި ހަނގުރާމައިގައި ބައިވެރިކޮށް ގިނަ ފްރޮންޓްތަކަކުން ހަނގުރާމަ ފުޅާކުރުމުގެ ފުރުސަތު އީރާނަށް އޮތްކަން އެނގިގެން ދިޔައެވެ. އަދި ޔަމަނުގެ ހޫތީންނާއި އިރާގުގައި ހަރަކާތްތެރިވާ ހަނގުރާމަމަތީ ޖަމާޢަތްތަކާއި، ސީރިއާގެ ބައެއް ޖަމާއަތްތަކުންވެސް ހަނގުރާމައިގައި ބައިވެރިވެ އިޒްރޭލުގެ ދިފާޢުތަކަށް ބާރުބޮޑުކޮށްލި މަންޒަރު ފެނިގެންދިޔައެވެ.

އަދި މީގެ އިތުރުން އެމެރިކާއާއި ގާތް ގުޅުންތަކެއް އޮންނަ ސައޫދީ އަރަބިއްޔާ، ޔޫއޭއީ، އަދި ބަހްރެއި ފަދަ ޤައުމުތަކަށް އިރާނުން ދުރު ރާސްތާ މިސައިލް ހަމަލާ ދީފާނެކަމުގެ ނުރައްކަލަށް އެޤަމުތަކުން ބިރުން ތިބިކަން ހާމަވެގެންދިޔައެވެ. އަދި ޖޯޑަން ފަދަ ޤައުމުތަކުން އިޒްރޭލަށް އަސްކަރީ އެހީ ފޯރުކޮށްދިން މަންޒަރުވެސް ފެނިގެންދިޔައެވެ.

އެމެރިކާއަށް ލިބުނު ސިހުން

ދުނިޔޭގެ އެއް "ސުޕަރ ޕަވަރު" ގެ ގޮތުގައި ބެލެވޭ އެމެރިކާއިން އީރާނަށް ހަމަލާ ދިނުން ހިމެނެނީ މި ހަނގުރާމައިން އެންމެންވެސް ބަލަން ބޭނުންވި މަންޒަރަކަށެވެ. އިޒްރޭލުން އެދި އެދި ތިބީ އެމެރިކާއިން އީރާނަށް ހަމަލާދީ އީރާނު "ސައިޒު" ކޮށްލާތަން ބަލާށެވެ. އީރާނަށް ތާއީދުކުރާ ފަރާތްތަކުން ބަލަން ބޭނުންވީ އެމެރިކާއިން ދޭ ހަމަލާއަށް އީރާނުން ދޭނެކަމަށް ޤަބޫލުކުރެވޭ ވަރުގަދަ ރައްދެވެ.

ކަން ވީވެސް އެހެންނެވެ. އެމެރިކާއިން އިރާނުގެ ނިއުކްލިއާ ހަކަތަ އުފައްދާ ތިން މަރުކަޒަކަށް ދިން ހަމަލާއަށް އީރާނުން ދިނީ އެމެރިކާއާއި މުޅި ހުޅަނގުވެސް ސިއްސުވާލި ރައްދެކެވެ. އީރާނުން ފުރަތަމަވެސް ހަމަލާތައް އަމާޒުކޮށްލީ އަވައްޓެރި ގަތަރުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަކަށެވެ. މި މަރުކަޒަކީ އެމެރިކާއިން މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އެންމެ މުހިއްމު އެއް އަސްކަރީ މަރުކަޒެވެ.

ތެލާއި ވިޔަފާރިއަށް އައި ލޮޅުން

އިރާން އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން އެންމެންވެސް ހީކުރި ގޮތަށް ތެލުގެ އަގު އުފުލިގެން ދިޔައެވެ. އެގޮތުން ޖޫން 13 ވަނަ ދުވަހު އިޒްރޭލުން އީރާނަށް ހަމަލާދިނުމުން 70 ޑޮލަރުގައި ހުރި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 76  ޑޮލަރަށް އެރިއެވެ. އަދި އެމެރިކާއިން ޖޫން 22 ގައި އިރާނަށް ހަމަލާދިނުމުން ތެޔޮ ފީފާއެއްގެ އަގު 79 ޑޮލަރަށް އެރިއެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުން ތެލުގެ އަގު އަނެއްކާވެސް ކުރީގެ ހަމައަށް ރުޖޫޢަވިއެވެ.

އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް

އިޒްރޭލާއި އެމެރިކާއިން މި ހަނގުރާމައިން ހާސިލުކުރަން ބޭނުންވީ އެންމެ މުހިއްމު އެއް ނަތީޖާއަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ބުރޫއެރުވުމެވެ. މިގޮތުން އެމެރިކާއިން ބޮންއެޅީވެސް އީރާނުގެ 3 ނިއުކްލިއަރ މަރުކަޒަކަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަމިއްލައަށް ވަނީ އެކަމަށް އެއްބަސްވެފައެވެ. ޓްރަމްޕު ބުނި ގޮތުގައި އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެތައް އަހަރަކަށް ފަހަތަށް ޖައްސާލެވިއްޖެއެވެ.

ނަމަވެސް އީރާނުން ޖަވާބުގައި ބުނި ވާހަކަ ތަފާތެވެ. އީރާނުން ބުނީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ނުލިބޭ ކަމަށާއި ކުރީ ބައިގައި އެ މަރުކަޒުތައް ހުސްކޮށްފައިވާ ކަމަށެވެ.

 

ކާމިޔާބުވީ ކޮން ބަޔަކަށް

 ހުޅަނގުގެ މިޑިއާގެ އެހީތެރިކަމާއެކު އިޒްރޭލުން ހަނގުރާމައިގައި ކާމިޔާބު ލިބުނުކަމަށް އިއުލާންކުރިއެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތައް ނައްތާލެވުނު ކަމަށް ބުންޏެވެ.

ހަމަ އެހެންމެ އީރާނުން އިޒްރޭލުގެ އެކި އަމާޒުތަކަށް ހަމަލާދީ ދުނިޔެއަށް "އިޒްރޭލުގެ އަޔަންޑޯމް" އަކީ އިޒްރޭލުން ބުނާވަރުގެ ވަރުގަދަ ޓެކްނޮލޮޖީއެއް ނޫންކަން ހާމަކޮށްދިނެވެ. ނިއުކްލިއަރ ހަތިޔާރުން ހަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ އިޒްރޭލުން އެމެރިކާގެ އަސްކަރީ އެހީއަށް އެދުމަށް މަޖުބޫރުކުރުވިއެވެ. އަދި އިޒްރޭލުގެ ވެރިޔާ ނަތަންޔާހޫ ބަލަމުން އައި "އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ހުވަފެން" ބިލާހަކަށް ހެދިއެވެ.

ޙަޤީޤީ ނަޒަރަކުން ބަލާނަމަ ދުނިޔޭގެ ނިއުކްލިއަރ ދެބާރުން އީރާނާއެކު ވަގުތީ ސުލްހައެއް ގާއިމުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަކީ އީރާނުން މިހަނގުރާމަ ކާމިޔާބު ކުރި ކަމުގެ އެންމެ ސާފު ދަލީލެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0