އީރާން - އިސްރާއީލް ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ރަސްމީކޮށް ވަދެއްޖެ
އެމެރިކާއިން ވަނީ އީރާނުގެ ތިން ސަރަހައްދަކަށް ބޮން އަޅާފައި

އީރާނާއި އިސްރާއީލްއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ރަސްމީކޮށް ވަދެއްޖެއެވެ. މިގޮތުން އެމެރިކާގެ މަތިންދާ ބޯޓުތަކުން އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތައް ބޭނުންކޮށްގެން އީރާންގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދީފައިވާ ކަމަށް ޓްރަމްޕް ވަނީ ހާމަކޮށްފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ފޯޑޯ، ނަތަންޒް އަދި އެސްފަހަންގައި ހުރި ނިއުކްލިއާ ސައިޓުތަކަށް ކަމަށާއި، މި ހަމަލާތައް ވަނީ ކާމިޔާބުވެފައި ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
އިޒްރޭލުގެ އޮފިޝަލަކު މީޑިއާއަށް ދީފައިވާ މައުލޫމާތުގައި، އެމެރިކާއިން މި ހަމަލާތައް ދީފައިވަނީ ބީ-2 މަތިންދާ ބޯޓު ބޭނުންކޮށްގެން ކަމަށް ބުނެފައިވެއެވެ. އަދި މި ހަމަލާގައި އެމެރިކާއިން އެޤައުމުގެ އެންމެ ބަރު ބޮން ކަމަށްވާ "މެސިވް އޯޑްނެންސް ޕެނެޓްރޭޓާ" ބޭނުންކޮށްފައިވާކަމަށްވެސް ބެލެވެއެވެ.
އިސްރާއީލާއެކު ކުރިއަށްދާ ހަނގުރާމައިގެ ތެރެއަށް އެހެން އެއްވެސް ޤައުމަކުން ވަދެ އެހީތެރިކަން ފޯރުކޮށްދީފިނަމަ، އެފަރާތްތަކަށްވެސް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ކުރިން ދީފައިވެއެވެ.
އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް މިހާތަނަށް އީރާނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ފެސިލިޓީތައް ހުރީ އެމެރިކާއިން އަންދާޒާކުރި ވަރަށްވުރެ އަޑީގައި ކަމަށާއި، އެހެންކަމުން އެ ފެސިލިޓީތަކަށް އެހާ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ބެލެވެއެވެ.
ރިއެކްޓް



