ދުނިޔެ

އައިއޭއީއޭ އަށް އެއްބާރުލުންދިނުން މަނާކުރާ ޤާނޫނެއް އީރާނުގައި ތަސްދީޤުކޮށްފި

ޖުލައި 3, 2025 - 08:32
 0
އައިއޭއީއޭ އަށް އެއްބާރުލުންދިނުން މަނާކުރާ ޤާނޫނެއް އީރާނުގައި ތަސްދީޤުކޮށްފި
އީރާނުގެ ރޫހާނީ ލީޑަރު -- ފޮޓޯ:ރޮއިޓާސް

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދިނުން މަނާކުރާ ޤާނޫނެއް އީރާނުން ތަސްދީޤު ކޮށްފިއެވެ.

މި ޤާނޫނު ތަސްދީޤު ކޮށްފައިވާ ކަމަށް އީރާނުގެ ރަސްމީ ޓީވީ އާއި އެހެނިހެން ނޫސް އޭޖެންސީތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ޤާނޫނު ފާސްކޮށްފައިވަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައަށް ފަހު، ފާއިތުވި ހަފުތާގައެވެ. އަދި މި ނިންމުން ނިންމާފައިވަނީ އީރާނުގެ ސަރުކާރާއި އައިއޭއީއޭ އާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

އީރާނާއި އައިއޭއީއޭ އާ ދެމެދު ދެބަސްވުންތައް އިތުރުވެފައިވަނީ، އިސްރާއީލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައިވާތީއެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މޮނިޓަރ ކުރުމުގެ ފުރުސަތު އައިއޭއީއޭ އަށް ދިނުމާ ގުޅޭ ކަންބޮޑުވުންތަކެއް ވެސް ވަނީ އުފެދިފައެވެ.

އިސްރާއީލާއި އީރާނުގެ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ އީރާނުގެ ގިނަ ސަރަހައްދުތަކަށް މިސައިލް ހަމަލާ ދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދިނުމަކީ އިސްރާއީލަށާއި މުޅި ސަރަހައްދަށް ވެސް ނުރައްކަލެއް ކަމަށް ދެކޭ ކަމަށާއި، އެފަދަ ގައުމަކަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ބުނެއެވެ.

މި ޤާނޫނުގެ ދަށުން، އީރާނުގެ ސަރުކާރުން މިހާރު ލާޒިމްކުރަނީ އައިއޭއީއޭ އަށް ދެމުން އައި އެއްބާރުލުން ވަގުތީ ގޮތުން ހުއްޓާލުމަށެވެ. މި ޤާނޫނުގެ ސަބަބުން އީރާނާއި ހުޅަނގުގެ ޤައުމުތަކާދެމެދު އިތުރަށް ގުޅުން ގޯސްވެދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0