ހޫނު ގަދަވެގެން ސްޕޭނުގައި ރޯވި އަލިފާންގަނޑުގައި ދެ މީހަކު މަރުވެއްޖެ

ސްޕެއިންގައި އާދަޔާ ހިލާފަށް ހޫނުގަދަވެ، ރޯވި އަލިފާންގަނޑެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
މި އަލިފާންގަނޑަކީ ކެޓަލޯނިއާގެ އަލިފާން ނިއްވާ ފަރާތްތަކުން ރެކޯޑްކުރި އެންމެ ބޮޑު އަލިފާނުގެ ހާދިސާގެ ގޮތުގައި ވަނީ ރެކޯޑް ކުރެވިފައެވެ.
އަލިފާން ނިއްވާ ފަރާތްތަކުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި އަލިފާންގަނޑު ފެތުރުނީ ގަޑިއަކު 28 ކިލޯމީޓަރުގެ ބާރު މިނުގައެވެ. މިއީ ޔޫރަޕުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހަލުވި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި މަރުވި ދެ މީހުންނަކީ ލާ ސެގަރާ ކައުންޓީގެ ކޮސްކޯ އަވަށު ކައިރީގައި ވެހިކަލެއް ކައިރީގައި ތިބި ދަނޑުވެރިޔަކާއި އޭނާގެ މަސައްކަތްތެރިއެކެވެ.
ރީޖަނަލް އޮފިޝަލް ނޫރިއާ ޕާލޯ ވިދާޅުވި ގޮތުގައި މަރުވި ދެ މީހުން މަރުވެފައިވަނީ ދަނޑުން ފިލަން އުޅެނިކޮށް ކަމަށް ބެލެވެއެވެ. މީގެ އިތުރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.
މި އަލިފާނުގެ ހާދިސާގައި 6،500 ހެކްޓަރު (16،000 އޭކަރު) އަނދައިގެން ގޮސްފައިވާއިރު، ވިއްސާރައިގެ ސަބަބުން އަލިފާން ނިއްވާ ފަރާތްތަކަށް އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެހީތެރިކަން ލިބުނެވެ. އަދި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން 14،000 މީހުން ގޭގައި ތިބުމަށް އެންގުނެވެ.
އަލިފާން ނިއްވާ ފަރާތްތަކުން މިއަދު ފަތިހު އިއުލާންކޮށްފައިވާ ގޮތުގައި މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެވެ. އަދި އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ގޭގައި ތިބުމަށް އަންގާފައިވާ އަމުރު ވަނީ އުވާލާފައެވެ.
ރިއެކްޓް



