އެމެރިކާގެ ބީ 52 މަތިންދާބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ
އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި އަށް ފަޅުވެރިން މަރުވެފައިވާކަމަށް އެމެރިކާގެ ވައިގެ ސިފައިން ކަށަވަރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެޑްވަޑްސް އަސްކަރީ ވައިގެ ބަނދަރުން ބީ-52 މަރުކާގެ ބޮން އަޅާ ބޯޓު ނައްޓާލަން އުޅުމުގެ ތެރޭގައެވެ.
އެމެރިކާގެ ވައިގެ ސިފައިންގެ ކާނަލް ޖޭމްސް ހޭޒް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ބޯޓު ނައްޓާލަން އުޅުމުގެ ތެރޭގައި އޭގައި އަލިފާން ރޯވެ ގޮވާފައިވާ ކަމަށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އަށް ފަޅުވެރިންވެސް ވަނީ މަރުވެފައެވެ. މި ބޯޓަކީ ތަމްރީނު ހަރަކާތެއްގައި ބައިވެރިވުމަށް ތައްޔާރުވަމުންދިޔަ ބޯޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގެ ސަބަބުން ވައިގެ ބަނދަރުގެ ރަންވޭއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ އަންގާރަ ދުވަހާ ހަމައަށް އެ ބަނދަރުގެ ހުރިހާ އުދުހުންތަކެއް މިހާރު ވަނީ މެދުކަނޑާލާފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ބީ-52 މަރުކާގެ މަތިންދާބޯޓަކަށް ދިމާވި މިފަދަ ދެވަނަ ހާދިސާއެވެ. މީގެ ކުރިން 2016 ވަނަ އަހަރުވެސް މި މަރުކާގެ ބޯޓެއް ވެއްޓުނު ނަމަވެސް، އެ ހާދިސާގައި އޭގައި ތިބި ހަތް ފަޅުވެރިން ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް މިފަހަރުގެ ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެވެ






ރިއެކްޓް