ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތައް ދޫކުރާނީ 25 އަހަރަށް ބަހާލައިގެން ކުލިދައްކާގޮތަށް: މުއްތަލިބު
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތައް ދޫކުރާނީ 25 އަހަރަށް ބަހާލައިގެން ކުލިދައްކާގޮތަށް: މުއްތަލިބު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ އެއްބަސްވުންތައް ހަދާނީ 25 އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތުގައި ކުލި ނުވަތަ އިންސްޓޯލްމަންޓް ފައިސާ ދެއްކުމުން ފްލެޓް ލިބޭ ފަރާތްތަކަށް އެ ތަންތަން މިލްކުވެގެންދާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އުސޫލުން އަމަލުކުރަން ނިންމާފައިވަނީ ސަރުކާރުން ދޫކުރާ ފްލެޓުތަކުގެ ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާތީއެވެ.
ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި މިހާތަނަށް ނުލިބި ވަނީ 700 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާއެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރަން ތައްޔާރުވަމުންދާ ގެދޮރުވެރިކަމުގެ ބިލުން މަގުފަހިވެގެންދާނެ ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ފްލެޓް ދޫކުރުމުގެ އުސޫލަށް ދެ ބަދަލެއް ގެންނަން ވަނީ ނިންމާފައެވެ. އެގޮތުން، ބޭންކު މޯގޭޖު ފައިނޭންސްގެ ތެރެއިން ލުއިފަސޭހަ ގޮތްތަކެއްގެ ދަށުން މޯގޭޖުގެ ގޮތުގައި ފްލެޓް ދިނުމާއި، ވަކި މުއްދަތަކަށް ކުލި ދައްކާ ގޮތަށް ހަމަޖެއްސުމަށްފަހު އެ މުއްދަތު ހަމަވުމުން ފްލެޓް މިލްކުވާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓުގެ ތެރެއިން 1،000 ފްލެޓުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިމި، އެގްރިމެންޓް ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެންމެހާ ފްލެޓުތަކުގެ މަސައްކަތް ނިންމައި، ހައްގުވެރިންނަށް ހަވާލުކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް



