ގަރުދިޔަ ވަގުތު" އެނބުރި އައީތޯ ރައީސް ޔާމީން ސުވާލުކުރައްވައިފި"

ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ދާކަމަށް ފާހަގަކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ރައީސް ޔާމީން މިކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވަނީ ޑޮލަރުގެ އަގު 20 ރުފިޔާ އަށް އަރައިފިކަމަށް ފާހގަކުރައްވައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަށް މިވަގުތު ރާއްޖޭގެ ފައިސާގެ ނިޒާމު ރަނގަޅަށް ނުހިންގޭ ކަމަށާއި މިހާރުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ފަދަ މޭރުމުން ވާހަކަދައްކަވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ބޭރުގެ ދަރަނީގެ ހާލަތާ ގުޅޭގޮތުން ވެސް ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން މި އަހަރު ދަރަންޏަށް 500 މިލިއަން ޑޮލަރު އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދައްކަންޖެހޭކަން ފާހަގަކުރައްވައި، މިއީ ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު ކަންބޮޑުވާންޖެހޭ މިންވަރެއްކަމަށް ވިދާޅުވެފައިވެއެވެ.
އެއާއެކު، ރައްޔިތުން ގަރުދިޔަ ކާން ޖެހޭ ވަގުތު އެނބުރި އައީތޯ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފްގެ ނަންގަނެ، ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ.
"މި ދުވަސްވަރު މިޖެހެނީ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއުން ހުއްޓާލާ, ކޮންމެ ވެސް ވަަރަކަށް އަމިއްލައަށް ގޭގައި ކައްކައިގެން, ގަރުދިޔާ ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް އައުން" ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ވިދާޅުވެފައެވެ. ސަރުކާރުގެ ހަރަދު ކުޑަނުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ވާހަކަ ދެއްކެވުމުން އަލީ އާރިފަށް އޭރުވެސް ފާޑުކިޔުން އަމާޒުވިއެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ޑޮލަރުގެ އަގު މިހާ މައްޗަށް ދިއުމަކީ ރާއްޖޭގެ އިމްޕޯޓަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ސީދާ އަސަރުކުރާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ތަކެތީގެ އަގުތައް އިތުރަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފާހަގަކުރެވެއެވެ.
ރިއެކްޓް



