ކުޅިވަރު

މާފުށީ ޖަލުގެ ގައިދީންނަށް ހާއްސަކޮށް ފުޓްސަލް މުބާރާތެއް

މުބާރާތުގައި 114 ގައިދީން ބައިވެރިވޭ: ކަރެކްޝަންސް

މޭ 17, 2025 - 23:53
ޖުލައި 1, 2025 - 02:46
 0
މާފުށީ ޖަލުގެ ގައިދީންނަށް ހާއްސަކޮށް ފުޓްސަލް މުބާރާތެއް
ފޮޓޯ: ކަރެކްޝަންސް

ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، ކޮންމެ ޓީމެއްގައި 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ހިމެނެއެވެ. އެކި ގައުމުތަކުގެ ބައެއް ގައިދީންނާ އެކުގައި ބޭއްވި އެ މުބާރާތުގައި 114 ގައިދީން ބައިވެރިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

އެ މުބާރާތް އިފުތިތާހުކޮށް ދެއްވީ ޕްރޮސެކިއުޓަ ޖެނެރަލް އައްބާސް ޝަރީފެވެ.

ކަރެކްޝަންސް އިން ވިދާޅުވި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ގައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް ބޭނުންތެރި، އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުމެވެ. މިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ގައިދީންގެ އުޅުމާއި އަހްލާގަށް ހެޔޮ ބަދަލު އައިސް، އިސްލާޙުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ކަރެކްޝަންސުން ދެކެއެވެ.

ސަރުުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގައިދީން ރިހެބިލިޓޭޓްކޮށް، މުޖުތަމައުއަށް އަނބުރާ ގެނައުމަށް މިހާރު ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ކަރެކްޝަންސް އިން ވިދާޅުވިއެވެ.

ފުޓްސަލް މުބާރާތް ކުރިއަށް ގެންދަނީ ލީގު އުޞޫލުން، އެންމެ ޕޮއިންޓް ގިނަ ދެ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0