ފާޑުކިޔުންތަކަށް ނުބަލައި މަހާޒް އާއި އަޒްމިރަލްދާ ވަކިކޮށްފި
މަހާޒް އާއި އަޒްމިރަލްދާ ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މި ދެ ފަނޑިޔާރުން ވަކިކުރުމަށް ނެގުނު ވޯޓުގައި ކޮންމެ ފަނޑިޔާރަކު ވަކިކުރުމަށް 68 މެންބަރުން ތާއީދުކުރި އިރު، 11 މެންބަރުން ވަނީ އިދިކޮޅަށް ވޯޓު ދީފައެވެ.
މި ދެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙުޤީޤުކުރަން ފެށީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަމުން ވަކިކުރެވޭނެ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގެ އަޑުއެހުންތައް ފެށުމަށްފަހުގައެވެ.
ފާޑުކިޔުންތައް އިތުރުވި މައްސަލައެއް
ފަނޑިޔާރުން ސަސްޕެންޑްކުރުމާއި މައްސަލަ ބެލުމުގައި ޖޭއެސްސީން ޢަމަލުކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް ދެ ފަނޑިޔާރުންގެ ފަރާތުންނާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ފާޑުކިޔާފައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ނިންމާފައިވަނީ ޖޭއެސްސީން މައްސަލަ ބެލުމުގައި އެއްވެސް ގޯހެއް ހަދާފައި ނުވާކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ދެ ފަނޑިޔާރުންނަކީވެސް 2019 ވަނަ އަހަރު ސުޕްރީމް ކޯޓަށް އައްޔަންކުރެވުނު ފަނޑިޔާރުންނެވެ. ފަނޑިޔާރު މަހާޒް އައްޔަންކުރެވުނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު އަދި ފަނޑިޔާރު އަޒްމިރަލްދާ އައްޔަންކުރެވުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ.
ރިއެކްޓް



