ކުޅިވަރު , ޚަބަރު

އެފްއޭއެމް ލީގު ކަޕް: މަހިބަދޫ ބަލިކޮށް ޓީސީ ސެމީއަށް

ޓީސީއިން މެޗު ކާމިޔާބުކޮށްފައިވަނީ 2-1ގެ ނަތީޖާއަކުން

މޭ 17, 2025 - 23:26
ޖުލައި 1, 2025 - 02:44
 0
އެފްއޭއެމް ލީގު ކަޕް: މަހިބަދޫ ބަލިކޮށް ޓީސީ ސެމީއަށް
ފޮޓޯ: ސޯޝަލްމީޑިއާ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އެފްއޭއެމް ލީގު ކަޕް 2025" މަހިބަދޫ ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބް ވާދަކުރި މެޗު ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ޓީސީއިން މަހިބަދޫ އާއި ދެކޮޅަށް މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ޓީސީން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާއިޒު ވަހީދުއެވެ.

މި ގޯލަށް ފަހު ވެސް ޓީސީން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ އިތުރު ގޯލެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފަށައިގެން މަހިބަދޫއިން ވަނީ އެ މީހުންގެ ކުޅުން ރަނގަޅުކޮށް ޓީސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 82 ވަނަ މިނެޓުގައި މަހިބަދޫއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަސަދުﷲ އަބްދުﷲއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ނިމެން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތު ޓީސީން ވަނީ ގޯލެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަބްދުﷲ ރިޒާން މުހައްމަދުއެވެ.

މި ނަތީޖާއާއެކު ޓީސީން ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0