ޚަބަރު

ސިގިރޭޓް ވިއްކުމަށް ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާނެ

ސްމޯކިންގ ރޫމް ނުވަތަ އޭރިއާގެ ލައިސަންސަށްވެސް 10,000 ރުފިޔާ ދައްކަންޖެހޭ

ޖުލައި 2, 2025 - 11:16
 0
ސިގިރޭޓް ވިއްކުމަށް ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާނެ
ދުންފަތާ ގުޅޭ އިންޒާރު -- ފޮޓޯ: ގޫގުލް

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 ވަނަ ދުވަހު ހަމަވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހަނދާންކޮށްދީފިއެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމާއި، ރީ-އެކްސްޕޯޓް ކުރުމާއި، އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އާންމުކޮށްފައިވާ ގަވާއިދުގެ ދަށުން ވަކި ލައިސަންސެއް ނަގަންޖެހެއެވެ.

މި ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އެ މުއްދަތު ހަމަވާ ތާރީޚަކީ ޖުލައި 17 ކަމަށާއި، އޭގެ ފަހުން ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެޗްޕީއޭއިން ދޫކުރާ ލައިސަންސްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް، އިމްޕޯޓުކުރުމުގެ ލައިސަންސް، ރީ-އެކްސްޕޯޓުކުރުމުގެ ލައިސަންސް އަދި އައު ބާވަތެއް ރަޖިސްޓަރީކުރުން ހިމެނެއެވެ. މި ލައިސަންސްތައް ދޫކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް، ކަނޑައެޅިފައިވާ ފީ ދެއްކުމުންނެވެ.

ލައިސަންސްތަކުގެ އަގުތަކަށް ބަލާއިރު، ވަކިވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސަށް 5,000 ރުފިޔާ، އިމްޕޯޓުކުރުމާއި ރީ-އެކްސްޕޯޓުކުރުމުގެ ލައިސަންސަށް 10,000 ރުފިޔާ، އަދި ސްމޯކިންގ ރޫމް ނުވަތަ އޭރިއާގެ ލައިސަންސަށްވެސް 10,000 ރުފިޔާ ދައްކަންޖެހޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0